ހޮނިހިރު, 05 ޑިސެމްބަރ 2009 01:34
ޤައުމީ ޓީމަށް ވެދުން ސަލާމް


ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެދުންސަލާމަށްފަހު ދަންނަވަމެވެ. އަޅުގަނޑުމެން މިތިބީ ތިޔަ ޓީމާއެކުގައެވެ. އަޅުގަނޑުމެން އެދެނީ ދިފާޢު ކުރުމަށްޓަކައި މިކުންތަށި ދިފާޢުކޮށް އަޅުގަނޑުމެންނާ ހަމައަށް ތިޔަ ޓީމުން ގެނެސްދޭނެކަމަށެވެ. ކުޅިވަރަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އާލާކޮށް ދިރުވާ އަށަގަންނުވާކަމެކެވެ. އެކަން މިދިޔަ އަހަރު ރާއްޖެއިން ފެނުނެވެ. މުޅިރާއްޖޭގައި ރަތްކުލަ އާންމުވިއެވެ. ޤައުމީ ރޫޙާއި ޖޯޝް އުފެއްދިއެވެ. ރޫޅިފައިވާ އާއިލާތައް ބަދަހިކުރުވިއެވެ. ސިޔާސީގޮތުން ހަތުރުން މިތުރުންނަށް ހެދިފައެވެ. ދެންމެ ދެންމެ ހުޅުފަޅައިގެން ގޮސްފާނެހެން ހީވެފައިއޮތް ސިޔާސީ ވެއްޓަށް ފިނިކަމެއް އައެވެ. އެންމެން ތިބީ އެއްކުލައެއްގައެވެ. ނަށަމުންދިޔައީ އެއް ބީޓަކަށެވެ. ކިޔަމުންދިޔައީ އެއްލަވައެކެވެ. އެފަހަރު އަޅުގަނޑުމެންކީ "ލަވަ"އަކީ މިއީ އަހަރެމެންގެ ފަހަރެވެ. މިފަހަރު ކިޔަމުން މިދާ ލަވައަކީ އަހަރެމެންގެ އުންމީދެވެ.

ބަނގްލާދޭޝްގެ ވެރިރަށް ޑާކާގައި ތިޔަ ޓީމު އޮވެފައި އަޅުގަނޑުމެން މިތިބީ ރާއްޖޭގައެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ހިތުގައި ތިޔަޓީމަށް ލޯބި އެބައޮތެވެ. އިތުބާރު އެބައޮތެވެ. ކުޅޭތަން އަޅުގަނޑުމެން ބަލާނަމުއެވެ. ހިތްވަރުދީ ސަޕޯޓްކުރާނަމެވެ. ހެޔޮ ދުއާކުރާނަމެވެ. ޤައުމީ ރޫޙު ދިރުވާ އާލާކުރުމަށް މިއީ ރަނުގެ ފުރުސަތެކެވެ. ސިޔާސީ ވާދަވެރިކަން އެއްފަރާތްކޮށް ޤައުމީ ނަވަށް އަރައިގެން ދަތުރު ފަށަންވީއެވެ. ޤައުމީ ކަންކަމުގައި އެއްލަވައެއް ކިޔަންވީއެވެ. ސިޔާސީ ގޭމު ކުޅެންވާނީ ސިޔާސީ ކަންކަމުގައެވެ. މިއީ ސިޔާސީ ކަމެއްނޫނެވެ. ސިޔާސީ މަޖިލިހެއްވެސްނޫނެވެ. މިތަނުގައި ބަހުސްކުރަންވާނީ ޤައުމީ ދުލަކުންނެވެ.

ޤައުމީ ޓީމުގެ ކުޅުންތެރިންނޭވެ. ނިންމާލަމުންވެސް ދަންނަވަން އޮތީ އެއްވާހަކައެކެވެ. އަޅުގަނޑުމެންގެ އުންމީދުތައް ވަރަށް މައްޗެވެ. ފެއްސާއި ރަތާއި ހުދުގެ ދިދައަށް ކާމިޔާބާއި ނަޞްރު އެދެމެވެ. ދިވެހިންނަށް ހުރިހާ މައިދާނެއްގައިވެސް ކާމިޔާބު މިންވަރު ކުރައްވާށިއެވެ. މިފަހަރުވެސް އަޅުގަނޑުމެންގެ ފަހަރަށްވެ، އަޅުގަނޑުމެންގެ އުންމީދުތައް ފުރިހަމަވެގެންދާނެ އަހަރެއް ކަމުގައި ލެއްވުން އެދި ﷲ ތަޢާލާއަށް ދުޢާ ދަންނަވަމެވެ. އިދާރަ ކުރެއްވިއްޔާ މިދުޢާ އިޖާބަކުރައްވާނެއެވެ. ޤައުމު އެކަތިގަނޑަށްވާނެއެވެ. މިއީ އެންމެހާ ދިވެހިންގެ ދުޢާއެވެ. އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.