ހުކުރު, 27 ނޮވެމްބަރ 2009 01:04
މިޢީދުގެ ފިލާވަޅު


ޢީދުއައީ ހިނިތުންވަމުންނެއް ނޫނެވެ. މީރުވަހުން ޖައްވުގައި ހުވަނދުލަމަކުންވެސް ނޫނެވެ. މިވަގުތު މުޅި ރާއްޖެއޮތީ އޫރުރޯގާގެ ބިރުވެރިކަމުގެ ތެރޭގައެވެ. އަޅުގަނޑުމެންނާއި ބަރަކާތެރި އަޟްޙާ ޢީދު ބައްދަލުކުރީ ނުތަނަސްކަމުގައި އަޅުގަނޑުމެން ތިއްބައެވެ.

މުސްލިމުންނަށް އަންނަ ދެ ޢީދަކީ އުފާފާޅުކޮށް ދީނުގައި އޮންނަ ގޮތަށް ކުޅިވަރުކުޅެ ފަރުދުންނާއި ޖަމާޢަތުގެ ފެންވަރުގައި ހަފުލާތަކާއި މަހެފިލުތައް ބާއްވަން އޮންނަ ދެދުވަހެވެ. ގިނަ ބަޔަކު އެއްތަންވެ އުޅެން އޮންނަ ދެދުވަހެވެ. ހިތާމައަކީ މި ޢީދު އަޅުގަނޑުމެންނަށް އުފާވެރި ޢީދަކަށް ނުވެދާކަމެވެ. ގިނަ ބަޔަކު އެއްތަންވެ ކުޅިވަރުކުޅެ މަޖާކޮށް ހެދުމަށް އޫރުރޯގާގެ ބިރުވެރިކަން ހުރަސްއަޅާކަމެވެ.

ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބެގެން ޢީދު ފާހަގަކުރަންޖެހުނު ސަބަބާމެދު ފިކުރު ހިންގާލަންޖެހެއެވެ. ދުނިޔޭގައި މުސީބާތްތައް ގިނަވުމުން އަޅުގަނޑުމެން ބުނަނީ އެއީ ތިމާވެށީގެ މައްސަލައެއް ކަމަށެވެ. އުފާތަކުން އެއްކިބާވާން ޖެހުމުން އަޅުގަނޑުމެން މިބުނަނީ އެއީ އޫރުރޯގާގެ މައްސަލަ ކަމަށެވެ. ބިންހެލުންތައް ގިނަވެ، ތޫފާންތަކާއި ޒަލްޒަލާތައް އާންމުވެ، ފެންބޮޑުވެ، ބޮޑެތި ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތައް އާންމުވެގެންދާ ޙަޤީޤީ ސަބަބު އަޅުގަނޑުމެންވަނީ ހަނދާން ނައްތާލާފައެވެ. އެކަންކަން މެދުވެރި ކުރައްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާކަން އަޅުގަނޑުމެން ޤަބޫލު ކުރިޔަސް އެކަން އިހުސާސްވަނީ މަދުބަޔަކަށެވެ. ފާހިޝް ޢަމަލުތަކާއި ޒިނޭ ކުރުމާއި، އެއް ޖިންސުން ގުޅުންހިންގުމާއި ކުޑަކުދިންނާ ޖިންސީ ގުޅުންހިންގުން މި ދިވެހި މުޖްތަމަޢުގައި އާންމުވެފައި ނުވޭތޯއެވެ؟ ބަނގުރާ ވިއްކުމާއި ބުއިމާއި ބަނގުރާ އުފެއްދުން އާންމުވެފައި ނުވޭތޯއެވެ؟ ރިބާ ކެއުން އާންމުވެފައި ނުވޭތޯއެވެ؟ ފަސާދައާއި ޚިޔާނާތާއި މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައް ހިންގުން އަޅުގަނޑުމެންގެ ތެރޭގައި އާންމުވެފައި ނުވޭތޯއެވެ؟ ރާއްޖޭގައި އެހެންދީންތަކަށް އަޅުކަންކުރެވޭނެ ގޮތްތައް ފަހިކުރުމަށާއި އެއްޖިންސުން ކައިވެނިކޮށް އުޅުމަށް ބޭނުންވެގެން އެކަމަށް ކެމްޕޭން ކުރާ ފަރާތްތައް ނެތްތޯއެވެ؟ މިކަންތައްތައް މިމަގުން ހިނގާއިރު، ﷲ އަށް އަޅުގަނޑުމެން ބިރުވެތިވެވެނީ ކިހާވަރަކަށްތޯ ސުވާލު އުފެދެއެވެ. މިކަންތައްތައް އިސްލާހުކޮށް، އިސްލާހުގެ މަގުން ކުރިއަށް ދިއުމުންނޫނީ މުސްތަޤުބަލެއް ނެތެވެ. އަޅުގަނޑުމެން ދުނިޔެމަތީގައި ކަންތައްތައް ކުރެވޭގޮތް ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ. އަގުއަދާކުރެވެމުން މިދަނީ ޒަހަރަށެވެ. އެހެންވީއިރު ފޮނި މީރު މާމުޔަށް އިންތިޒާރުކޮށްގެން ނުވާނެއެވެ.

އަޟްޙާ ޢީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް މަނަދޫ ލައިވްގެ އެންމެހާ ކިޔުންތެރިންނަށާއި މުސްލިމް އުންމަތަށް ފޮނުވަމެވެ.