އާދިއްތަ, 22 ނޮވެމްބަރ 2009 16:39
އޫރު ރޯގާ އާއި ސާފްޗެމްޕިއަންޝިޕް


ރާއްޖޭގައި އޫރު ރޯގާ ފެތުރެން ފެށިކަން ހެލްތު މިނިސްޓްރީންވަނީ ކަށަވަރުކޮށް ދެއްވާފައެވެ. ރާއްޖޭގެ އެއްރަށަށްވުރެ ގިނަ ރަށުގައި އޫރުރޯގާއަށް ޕޮސިޓިވް ވެފައިވާ މީހުންވަނީ ފެނިފައެވެ. އޭގެ ތެރެއިން އެކަކު ނިޔާވެސް ވެއްޖެއެވެ. އޫރު ރޯގާގެ ނުރައްކާތެރިކަމުގެ ދަރަޖަ ދަނީ މަތިވަމުންނެވެ. އެހެނޭ ކިޔާފައި އަޅުގަނޑުމެން އެކަމަށްޓަކައި ކުރަނީ ކީއްހެއްޔެވެ؟

އޫރުރޯގާއަށް ސަރުކާރުން ތައްޔާރުވެފައިވާ މިންވަރު މީޑިއާގައި ސަރުކާރުން ވިދާޅުވެއެވެ. ރާއްޖޭގައި އިންފްލުއެންޒާ އޭ އަށް ޓެސްޓްކޮށް ޕޮސިޓިވްވާ މީހުން އޫރުރޯގާއަށް ޓެސްޓް ކުރެވެން އެބަހުއްޓެވެ. އެކަމަށްޓަކައި ތައްޔާރުކުރެވިފައިވާ ބޭސް ސަރުކާރުން ރާއްޖެއަށްވަނީ ގެންނަވާފައެވެ. އެހެންނަމަވެސް އަދި ރާއްޖެއަކު އޫރުރޯގާގެ ވެކްސިނެއްނެތެވެ. ހެލްތު މިނިސްޓްރީން ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި އަދި ޕްރޮވިންސް ފެންވަރުގައި ކުރިއަށްގެންދާނެ ޕްލޭންތައްވަނީ ރާވާފައެވެ. އޫރުރޯގާއަށް ސާމްޕަލް މާލެގެނެސްގެން ނޫނީ ޓެސްޓްކުރެވޭކަށް އަދި ނެތެވެ.

އޫރުރޯގާ ރާއްޖޭގައި ފެތުރެން ފެށި ޚަބަރާއެކު ދައުލަތުގެ މީޑިއާގެ ސަމާލުކަން މުޅިން ފޯކަސް ކޮށްފައިވަނީ ސާފުގޭމްސް އަށެވެ. ނޫނީ ސާފް ޗެމްޕިއަންޝިޕްގައި ރަންމެޑަލް ދިފާޢުކުރުމަށް ނިކުންނަ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށެވެ. އޫރުރޯގާގެ ޚަބަރުތަކަށް " ކުޅިވަރުގެ ޢީދު" ވަނީ ހުރަސްއަޅާފައެވެ. ރާއްޖޭގެ އެހެން ރަށްރަށުގައި އޫރުރޯގާ ފެތުރެމުންދާއިރު މާލޭގައި މިރޯގާ ފެތުރެމުން ނުގޮސް ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ޓެސްޓްތަކުން ނަތީޖާ ލިބޭނީ ޓެސްޓް ހެދިބައެއްގެއެވެ. އެހެން ބައެއްގެ ނަތީޖާއެއް ޓެސްޓަކުން ނުދައްކާނެއެވެ. އޫރު ރޯގާއަކީ ގައިންގަޔަށް އަރާ ބައްޔަކަށްވާތީ މިހާރު ރާއްޖޭގައި މީހުން އުޅޭ ދެރަށަކުން އޫރުރޯގާ ފެނިފައިވާއިރު އެ ދެރަށަށް އޫރުރޯގާ ދިޔަ ގޮތެއް އޮންނާނެއެވެ.

އޫރުރޯގާއަކީ ނުރައްކާތެރި ބައްޔެކެވެ. އާދައިގެ އަރިދަފުސް ރޯގާއެއް ކަމަށް އަލާމާތްތަކުން ފެނުނަސް އެއީ މީހުންގެ ފުރާނައަށް ނުރައްކާތެރި ބައްޔެވެ. އެކަމާ ރާއްޖޭގެ ފަތުރުވެރިކަމާވެސް ގުޅޭނެއެވެ. ރާއްޖޭގެ އިޤްތިޞާދާވެސް ގުޅޭނެއެވެ. އާންމު ދިރިއުޅުމާވެސް ގުޅޭނެއެވެ. ހިފެހެއްޓުންތެރިކަމެއް ނެތި ފެތުރިގެންފިނަމަ އެކަންވާނީ މި ޤައުމަށް ކުރިމަތިވާ ބޮޑު މުސީބާތަކަށެވެ. ރާއްޖެއަކީ ކުދި ރަށްތަކެއްގެ މައްޗަށް އޮތް ޤައުމެކެވެ. ބަލިން ސަލާމަތްވުމަށްޓަކައި ރަށްރަށް ކަރަންޓީނުކުރަން ފަސޭހަވާނެއެވެ. އެހެންނަމަވެސް އެކަންކުރެވޭކަށް ނެތެވެ. ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކަޔާއި ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތުރުފަތުރުކުރަންޖެހެއެވެ. އެއީ އެއްރަށުން އަނެއް ރަށަށް ބަލި ފެތުރެއްދިމާވާނެ ސަބަބެވެ.

އޫރުރޯގާ ފެތުރެން ފެށުމުން ބައެއް ރަށްރަށުގައި ދަމުހިނގާ، ތަކުބީރުގޮވާ ހަދަމުން ދެއެވެ. އެރަށްރަށުގެ ރައްޔިތުން ތިބީ ނަފުސާނީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައެވެ. ބިރުވެރިކަމެއްގެ ތެރޭގައެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިބަލި ކޮންޓްރޯލް ކުރެވުނީ ކައުންސިލިންގ ދީގެންނާއި މީހުން ހޭލުންތެރިކޮށްގެންނެވެ. އެކަށީގެންވާ ފަރުވާ ދީގެންނެވެ. ހައިރިސްކު މީހުންނަށް ވެކްސިން ދީގެންނެވެ. މިކަންކަން ހަނދާން ނައްތާލައިގެން ތިއްބާ އޫރުރޯގާ މުޅި ރާއްޖެއަށް ބޮޑު މުސީބާތަކަށްވުންވެސް ކައިރިއެވެ. ސާފްގޭމްސް އާއި ސާފްޗެމްޕިއަންޝިޕްވެސް މުހިންމެވެ. އޫރުރޯގާއާމެދު ހޭލުންތެރިކަން އިތުރުކުރުން މިވަގުތަށް އެއަށްވުރެ މާމުހިންމެވެ.  

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
އޫރު ރޯގާ ރާއްޖޭގައި ފެތުރިގެން ދާއިރު ސަރުކާރުން ރައްޔިތުންނަށް އެކަށީގެންވާވަރަށް މަޢުލޫމާތު ނުދެއްވާކަން ފާހަގަ ކުރެވޭ. ބަލި ޖެހުނީ އެވެނިރަށެއްގެ މިވެނި ޢުމުރެއްގެ މީހަކަށްކަން މީޑިއާއިން ހާމަކުރާއިރު ބަލިން ރައްކާތެރިވުމަށް ހޭލުންތެރިވުމުގެ ގޮތުން ޕްރޮގްރާމްތަކެއް ފޮނުއްވުން ރަނގަޅުވާނެކަމަށް ފެނޭ.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...