| ހޯމަ, 02 ނޮވެމްބަރ 2009 23:43 |
| ރާއްޖޭގެ ނަޞްރުގެ ދުވަސް |
![]() ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާޞިރާއި ދިވެހިންގެ ތެރެއިން އިތުރު ބަޔަކު ގުޅިގެން ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕްލޯޓްގެ ހަތިޔާރު އެޅި 80 ކުލީސިފައިން ގެނެސް ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ބަދަލުކޮށްލުމަށް ހިންގި ޢުދުވާނީ ޙަމަލާއަށް މިއަދު 21 އަހަރު ފުރޭނެއެވެ. 1988 ނޮވެމްބަރުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި ލިބުނު ނަޞްރު ފާހަގަ ކުރުމަށް އެދުވަހަކީ ސަރުކާރު ބަންދުދުވަހެއް ކަމަށް ސަރުކާރުން ހަމަޖައްސަވާ ނަޞްރުގެ ދުވަހުގެ ގޮތުގައި އެދުވަސް ފާހަގަ ކުރެވޭތާ މިއީ 20 ވަނަ އަހަރެވެ. ނަޞްރުގެ ދުވަސް މިއަހަރު ދިވެހިންނާ ބައްދަލުކުރީ ޑިމޮކްރަސީގެ އުސޫލުން ގިނަ ޕާޓީއެކުލެވޭ ފުރަތަމަ އިންތިޚާބަށްފަހު އަލަށް އެކުލަވާލެވުނު ސަރުކާރުގެ ވެރިކަމަށް އަހަރެއް ފުރެމުން ދަނިކޮށެވެ. ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ހަމަލާއާމެދު ދެކޭގޮތް ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރާ ތަފާތުތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ އެ އުދުވާނީ ޙަމަލާގައި ބައިވެރިވިކަމަށް ޝަރީޢަތުން ޙުކުމްކުރައްވާފައިވާ ބައެއް ބޭފުޅުންނަށް ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ މަޤާމު ދެއްވާފައިވާކަމެވެ. މިކަމަކީ ކުރިން ސަރުކާރު ހިންގި މިހާރުގެ އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު އެއް ޝަކުވާއަށްވަނީ ވެފައެވެ. ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަށް 21 އަހަރު ފުރުނުއިރު އެދުވަހުގެ އެހާދިސާ ދިރާސާ ކުރެވިފައި ނުވާކަމަށް ސަރުކާރުން ބުނެއެވެ. އެކަން މީޑިއާއަށް ސިފައިންވަނީ ކަށަވަރު ކޮށްދީފައެވެ. އަދި ޑިފެންސް މިނިސްޓަރ ވިދާޅުވެގެން އެކަން މިހާރު ބަލަން ފައްޓަވާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. ކުރީގެ ސަރުކާރުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ ކުރިމަތިވި ގޮތެއް ދިރާސާ ނުކޮށް އޮތް އޮތުމަކީ އެކަމުގައި އަޑިނޭނގޭ ކަންތައްތަކެއް އޮތްކަމަށް މާނަކުރަން ޖާގަ އޮތްކަމެކެވެ. މިއަދުގެ ޒުވާނުންނަށް ތިނެއް ނޮވެމްބަރު ފެންނަން އޮތީ ކަރުދާހުގައެވެ. ފޮޓޯއާއި ވީޑިއޯއިން ފެންނަނީ ބައެކެވެ. ހަގީގީ ތަސްވީރު ފެންނާކަށްނެތެވެ. ތިނެއް ނޮވެމްބަރަކީ ކޮންމެ ގޮތަކަށް ކުރިމަތިވި ކަމެއް ނަމަވެސް އެދުވަހަކީ ދިވެހިރާއްޖޭގައި އެހާތަނަށް ކުރިމަތިވި އެންމެ ބިރުވެރި ދުވަހެވެ. މިޖީލު ދެކުނު ވެރިކަން ވައްޓާލުމުގެ އެންމެ ބޮޑު ޢުދުވާނެވެ. އެކަމަކު އެކަމެއް ބާޣީންނަކަށް ކާމިޔާބެއް ނުވިއެވެ. ނަޞްރު ލިބުނީ ދިވެހިންނަށެވެ. އެދުވަހު ދިވެހި ސިފައިން ކުރި ހިތްވަރަށް ދިވެހިން ތާއަބަދު ޝުކުރުވެރިވާނެއެވެ. ސިފައިންގެ މައިމަރުކަޒު ދިފާޢުކޮށް ދިވެހިންގެ މިނިވަންކަން ގެއްލުވާލުމަށްދިން ހަމަލާ ނާކާމިޔާބުކޮށްލީ ދިވެހި ސިފައިންނެވެ. ދިވެހި ސިފައިން ދެއްކި ހިތްވަރާއި ފަންވަރު ފެނިފައި ބާޣީން ފިލަން ދުވަންފެށިއެވެ. އިންޑިއާ ސިފައިން ރާއްޖެއައިިއިރު ދުޝްމިނުން ބަލިވެގެން ފިލާ ރައްކާވުމަށް ފުރައިފިއެވެ. މިއަދުވެސް އޭރުވެސް އަދި މާދަމާވެސް ދިވެހިންގެ ދުޢާއަކީ އެފަދަ ދުވަހެއް ނުދެއްކެވުމެވެ. މި ޤައުމަށް ބިރުވެރިކަމެއް ނާމާންކަމެއް މެދުވެރި ނުކުރެއްވުމެވެ. ދިވެހިރާއްޖޭގައި އޮންނަ ޤާނޫނީ ސަރުކާރު ހިމާޔަތްވެ ރައްކާތެރިވުމެވެ. ރައްޔިތުން ބޭނުންވެގެން ރައްޔިތުންގެ އިޚްތިޔާރުން ވެރިކަން ބަދަލުވަމުން ދިއުމެވެ. ޑިމޮކްރަސީގެ އުސޫލަކީވެސް އެއީއެވެ. |
ކިޔުންތެރިންގެ ޚިޔާލް