ހޯމަ, 05 އޮކްޓޯބަރ 2009 16:01
" ހައްޔަރުކުރުން " ބޮޑު ސުވާލެއް!


ފަހަކަށް އައިސް މިއީ އޮޅުންއަރާ ބޮޑު ސުވާލަކަށް ވެއްޖެއެވެ. ޚާއްޞަ ގޮތެއްގައި މީޑިއާގައި ޚަބަރު ފެތުރުމުގައި މިއީ ބައެއް ފަހަރު އޮޅުންއަރާ ބަހަކަށްވެސް ވެއްޖެއެވެ. މިބަސް މީޑިއާގައި ބޭނުންކުރަން ޖެހޭ ހާލަތްތައް މަޢުލޫމާތު ދިނުމުގައި ފުލުހުން ތަފާތު ކުރެއެވެ. މިބަސް ފުލުހުން މާނަކުރާގޮތާއި މީޑިއާގެ ބައެއް ފަރާތްތަކުން މާނަކުރާގޮތް ތަފާތުވެއެވެ. ފުލުހުންނާއި މީޑިއާއާ އުފެދިފައިވާ އިތުބާރާއި ރަޙުމަތްތެރިކަމަށް މި ބަހާހެދި ހުރަސްތައް ކުރިމަތިވާތީވެސް ފެނެއެވެ. ސިޔާސީ ބޭފުޅެއް ނުވަތަ ނޫސްވެރިއަކު ފުލުހުންގެ އިދާރާއަށް ހާޒިރުކުރެއްވުން ފުލުހުން މާނަ ކުރައްވަނީ " ހާޒިރު ކުރެއްވުން " ކަމުގައެވެ. އެބޭފުޅުން " ހައްޔަރު " ކުރެއްވި ކަމަށް މީޑިއާގައި ބުނެފިނަމަ އެކަން ފުލުހުން ދޮގުކުރަން ބޭނުންވެއެވެ.

ދިވެހި ބަސްފޮތުގައި ހައްޔަރު ކުރުމުގެ މާނައަކީ ބަންދު ކުރުމެވެ. " ހައްޔަރު" ގެ މާނައަކީ މީހަކު ނުވަތަ އެއްޗެއް ތަނެއްގައި ކޮށްފައިވާ ބަންދެވެ. ނުވަތަ  އަމިއްލަވެގެން އުޅުނަ ނުދިނުމަށް ކުރާ ބަންދެވެ. ނުވަތަ މާބަނޑުކަމެވެ. ދިވެހި ބަހަށް ބަލާއިރު މީހަކު އަމިއްލަ ވެގެން އުޅުނަ ނުދީ ހިފަހައްޓާ ހިފެހެއްޓުމަކީ ހައްޔަރު ކުރުމެވެ. އެއީ ކިތަންމެ ކުޑަ ވަގުތު ކޮޅަކަށްވިޔަސް އަދި ސިޔާސީ ބޭފުޅަކަށްވިޔަސް އަދި ނޫސްވެރިއަކަށްވިޔަސް އެއީ ހައްޔަރުކުރުމެވެ. ޖިނާޢީ ނުވަތަ މަދަނީ މައްސަލައެއްގައި މީހަކު އަމިއްލަ ވެގެން އުޅުން މަނާކުރާ ކުރުމަކީ ދިވެހި ބަހުގައި ހައްޔަރު ކުރުމެވެ.

" ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމޭ " ރީތިކޮށްލާފައި ބުނި ނަމަވެސް އެއީ ހައްޔަރު ކުރުމެވެ. އެއީ ޗިޓް ފޮނުވައިގެން ކަމަށްވިޔަސް ނުވަތަ ފުލުހުންގެ ޖިޕަކަށް ލައިގެންކަމަށްވިޔަސް އަދި އެހެން ގޮތަކުން ކަމަށްވިޔަސް މީހެއްގެ އަމިއްލަވަންތަކަން ހިނދުކޮޅަކަށް ހިފެއްޓުނަސް އެއީ ހައްޔަރުކުރުމެވެ. ޗިޓް ފޮނުވައިގެން ފުލުހުންގެ އޮފީހަށް ހާޒިރުވުން އެހެން ގޮތަކަށް ދިވެހިބަހުގައި މާނަ ކުރާނަމަ ކުރެވޭނީ " ހައްޔަރުވުން " މި މާނައިގައެވެ. އެއީ ބަންދުވުން ނުވަތަ ތާށިވުމެވެ.

ދިވެހިބަހުގައި " ހައްޔަރު " މިބަހާގުޅޭ ބަސްތަކަށްބަލާއިރު ދެން އޮތީ " ހައްޔަރުކަން " މިބަހެވެ. ހައްޔަރުކަމަކީ ބަންދުކަމެވެ. ނުވަތަ ހިފެހެއްޓިގެންވާކަމެވެ. މިބަހަށް ބެލިއަސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ހަމަ ހައްޔަރު ކުރުމެވެ. އެނޫން އެއްވެސް މާނައެއް އެއްވެސް ގޮތަކަށް ނުކުރެވޭނެއެވެ.

" ބެލުން " މި ބަހުގެ މާނައިގެ ތެރޭގައި ކަންހިނގާފައިވާގޮތް ހޯދުން ހިމެނެއެވެ. އެހެންނަމަވެސް އެ ބަލާބެލުމުގައި އެމީހެއްގެ އިޚްތިޔާރަށް ހުރަސްއެޅޭ ގޮތަށް އެކަންކުރެވޭނަމަ އެއީ ހައްޔަރުކޮށްގެން ބަލާބެލުމެކެވެ. ދައުވަތު ދީގެން ޕާޓީތަކަށް ދިއުމާއި ޖަލްސާތަކަށާއި ހަފުލާތަކަށް ހާޒިރުވުމާއި އެކިއެކި ތުހުމަތުތަކުގައި ފުލުހުސް އޮފީހަށް ހާޒިރުކުރުމުގައި ތަފާތު ހުންނާނެއެވެ. ފުލުހުން ފޮނުވާ ޗިޓަކީ އަމުރެކެވެ. އެއީ ދައުވަތު ކާޑެއް ނޫނެވެ. އެ އަމުރާ ޚިލާފުވެއްޖެނަމަ ޤާނޫނީ ގޮތުން ކުށްވެރިވާނެއެވެ. ފުލުސް އޮފީހަށް ހާޒިރުވުމަށް ފުލުހުން އަންގައިގެން ހާޒިރުވުމަކީ ހައްޔަރުކުރުމެވެ. ބަންދުކުރުމެވެ. ހައްޔަރުކުރިކަމަށްވާނީ ނުވަތަ ބަންދުކުރިކަމަށްވާނީ ގަދަބާރުން ބިޑިއަޅައިގެން ނުވަތަ އެނޫން ގޮތަކަށް ކުރާ ބަންދު އެކަންޏެއް ނޫނެވެ. ނޫނީ ތަނަކަށްލާ ތަޅުލީމައެއްވެސް ނޫނެވެ. މީހަކު އަމިއްލަ ވެގެން އުޅުނަ ނުދީ ހިފަހައްޓާ ނަމަ އެއީ ހައްޔަރު ކުރުމެވެ. ބަންދުކުރުމެވެ. އެއަށް ކިޔާނެ އެހެން ނަމެއް ދިވެހިބަހަކުނެތެވެ.

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+1
 
 
 
ރައްދު ދެއްވުމަށް
އެހެންވިއްޔާ ލިޔުންތެރިޔާ މާނަކުރާގޮތުން އޮފީސްތަކުގައިވެސް މިތިބެނީ ހައްޔަރު ކުރެވިފައިތާ. އަދި ފަރުޟު 5 ނަމާދު ކުރުމަށްވެސް ވަނީ "އަމުރު" ކުރައްވާފައެވެ. އަދި ނަމާދުގައި އަމިއްލަވަންތަ ކަންތައްތަކެއް ނުކުރެވޭ. އެހެންވިއްޔާ ނަމާދަށް މިސްކިތައް އެރީމާވެސް ހައްޔަރު ވީތާ. މިވާއެއްޗެއް މިހާރަކު ނޭންގުނެއްނު. ތިބުނާ ބަސްފޮތް ވީދާލަން ވެއްޖެއެއްނު.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
-2
 
 
 
ރައްދު ދެއްވުމަށް
ބަލަ ކަލޯ ރަންގަޑާ މި ތާގައި މި ބުނަނީ ފުލުހުންގެ ހައްޔަރުގެ ވާހަކަ.ބަސްފޮތް ވީދާލާ ވާހަކަ ލިޔުނު އިރު ތިމާ އުޅެބޮޑުވި ވަޒަނާއި ،ފަސްގަޑާއި،ދީނާއި،ބަހުގެ މަތިންވެސް ހަދާނެއްނެތީ ދޯ؟ގޯހެއްވެސް ނޫން.ބޮޑުމީހާ ބުނާ ހެން އަބަދުހަމައިގާ ހުރުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫން..ގޮވޭ ނުގޮވޭ އިގޭނެ ވިސްނުންތެރި ކަމާއި އެކު މަތީގައި ވާ ލިޔުމުގެ މި ޖުމްލަ ކިޔާލަ ބަލަ 10 ފަހަރު ހަމަ ހިމޭން ކަމާއި އެކު "ސިޔާސީ ބޭފުޅެއް ނުވަތަ ނޫސްވެރިއަކު ފުލުހުންގެ އިދާރާއަށް ހާޒިރުކުރެއްވުން ފުލުހުން މާނަކުރައްވަނީ ހާޒިރުވުން ކަމުގައެވެ"
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...