| ހޯމަ, 28 ސެޕްޓޭމްބަރ 2009 12:31 |
| އަހަރެމެންގެ މިސްރާބުހުރީ ކޮން ދިމާއަކަށް؟ |
" އަހަރެމެންގެ މިސްރާބުހުރީ ކޮން ދިމާއަކަށްތޯ؟" ރާއްޖޭގެ ސިޔާސީ އިދިކޮޅު ހަރަކާތްތެރިން ސުވާލު އުފައްދައިފިއެވެ. މިއީ ޙަޤީޤަތުގައިވެސް ޖަވާބު ބޭނުންވާ ސުވާލެކެވެ. ސިޔާސީ ދާއިރާގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީއަކާއި އެޕާޓީއާ ގުޅުންހުރި ފަރާތްތަކަށް މިކަން އެނގެންވާނެއެވެ. ނޭނގޭނަމަ ހޯދަންވާނެއެވެ. އޮޅުން އަރާނަމަ އޮޅުން ފިލުވައިދޭން ވާނެއެވެ. މި ސުވާލު ދިވެހި އެއްވެސް ރައްޔިތަކު ކުރާނަމަ އެ ސުވާލަށް ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެއެވެ. މިކަންކުރަން އޮތް އެންމެ މުހިންމު ވަސީލަތަކީ ދައުލަތުގެ މީޑިއާއެވެ. ދައުލަތުގެ މީޑިއާއިން ސަރުކާރުގެ ސިޔާސަތު ހާމަކުރުން އިތުރުވުމަކީ ސިޔާސީ ޕްރޮޕެގެންޑާ ފެތުރުންކަމަށް ބުނެވޭ ދުވަސްވަރެއްގައި އަހަރެމެންގެ މިސްރާބުހުރި ދިމަ ސަރުކާރުން ހާމަކޮށްދިނުމަށް ގޮންޖެހުންތަކެއް ހުރެދާނެއެވެ. އަހަރެމެން ރާއްޖޭގައި ޑިމޮކްރަސީ ދުސްތޫރީ ނިޒާމެއް ޤާއިމުކޮށްފީމެވެ. ދައުލަތުގެ ބާރުތައް ވަކިކޮށް ދުނިޔޭގެ ޑިމޮކްރަސީގެ މިނިވަން ކަނޑުގައި ދަތުރުކުރަން ނިކުމެއްޖައީމެވެ. ކޯޓުތައް މިނިވަން ވެއްޖެއެވެ. ޤާނޫނުހަދާ މަޖިލިހުގައި ތިބީ މުޅިންވެސް ރައްޔިތުން އިންތިޚާބު ކޮށްފައިވާ މެންބަރުންނެވެ. ސަރުކާރަކީ ރައްޔިތުން މިނިވަން އިންތިޚާބަކުން އިންތިޚާބުކުރި ސަރުކާރެކެވެ. މިނިވަން މުއައްސަސާތައްވަނީ ރާއްޖޭގައި ޤާއިމުކުރެވިފައެވެ. އެ މުއައްސަސާތަކަށް މެންބަރުން އިންތިޚާބު ކުރެވެނީ ރައީސް ފޮނުއްވާ ނަންފުޅު ތަކެއްގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ރުހުންދޭ ނަންފުޅުތަކެކެވެ. ރުހުން ނުދޭ ނަންފުޅުތައް ފޭލްވަނީއެވެ. ސަރުކާރުން ބޭނުންވާހާ ބަޔަކު މިނިވަން މުއައްސަސާތަކަށް އައްޔަނެއް ނުކުރެވެއެވެ. ބޭރުގެ ޤައުމުތަކަށް ސަރުކާރުން ބޭނުންވާހާ ބަޔަކު ސަފީރުކަމުގެ ފަތްކޮޅު ދެއްވާފައެއް ނުފޮނުއްވެވެއެވެ. ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮޕޮސިޝަނުން ކޮންޓްރޯލް ކުރާތީ މިނިވަން މުއައްސަސާތަކާއި ސަފީރުކަމަށާއި ވަޒީރުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާއަށް އައްޔަން ކުރެވެންއޮތީ އިދިކޮޅު ފަރާތްތައްވެސް ރުހޭ ބޭފުޅުންނެވެ. އަހަރެމެން މިދަނީ މި މިސްރާބުންނެވެ. މަޖިލިހުގައި ކަންކަންތައްތައް ފާސްވާނީ މަޖިލިހުގައި މެޖޯރިޓީ އޮތް ބައެއްގެ ޚިޔާލާއި ފިކުރަށެވެ. ސަރުކާރުން ކަންތައްތައް ކުރާނީ ރައްޔިތުން އެބަޔަކާ ވެރިކަން ޙަވާލުކޮށްފައިވާ ބައެއްގެ ފިކުރާ ސިޔާސަތާ އެއްގޮތަށެވެ. ރާއްޖެއަށް މިވަގުތު އެންމެ ބޮޑުވެފައިވާ މައްސަލައަކީ އިޤްތިޞާދީ މައްސަލައެވެ. ޤައުމަށް އިޤްތިޞާދީ ދަތި ހާލަތެއް މެދުވެރިވެގެން ސިވިލް ސާވިސްގެ ޤާނޫނުގެ ދަށުން މުސާރައާއި އެލަވަންސް ތިން މަސްދުވަހަށް ވަކިވަރެއް އުނިކުރައްވަނީ ސަރުކާރުން އެގޮތަށް ހުށަހަޅުއްވައިގެން ރާއްޖެއަށް އިޤްތިޞާދީ ދަތިހާލެއް މެދުވެރިވެއްޖެކަމަށް ސިވިލް ސާވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެކޮމިޝަނުންނެވެ. އެ ކޮމިޝަނަކީވެސް ރައްޔިތުންގެ މަޖިލިހުގެ ރުހުމާއެކު އައްޔަންކޮށްފައިވާ މިނިވަން ކޮމިޝަނެކެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް މުޙައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކާއި ވެވަޑައިގެންފައިވާ ވައުދުތައް ގިނައެވެ. އެ ވައުދުތައް ވެވަޑައިގަތީ ފަސްއަހަރުގެ ޓާމަކަށްކަން އަހަރެމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެހެންނޫނީ އަހަރެމެންނަށްވެސް މިސްރާބު އޮޅިދާނެއެވެ. ސަރުކާރު ޒިންމާދާރު ކުރުވުމާއި މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ މަންދޫބުންގެ ކަމެކެވެ. ރައްޔިތުންގެ މަޖިލިހުގެ ޒިންމާއެކެވެ. ވެވަޑައިގެންފައިވާ ވައުދުތަކާއި އަޙުދުތަކާ އެއްގޮތަށް ހެޔޮވެރިކަމުގެ ސަރުކާރެއް ހިންގެވުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އަހަރެމެންގޮވައިގެން ސަރުކާރުން ދަތުރު ކުރާ މިސްރާބު އޮޅުންފިލުވަންވީ މަޖިލިހުގެ ތަޅުމުގައެވެ. އޭރުން އެސުވާލަށް ސަރުކާރަށް ޖަވާބުދާރީވާން މަޖުބޫރުވެސް ވާނެއެވެ. |
ކިޔުންތެރިންގެ ޚިޔާލް