ހޮނިހިރު, 19 ސެޕްޓޭމްބަރ 2009 12:42
ފިޠުރު ޢީދުގެ ތަހުނިޔާ

އުފާވެރި ފިޠުރު ޢީދުގެ ތަހުނިޔާ އާއި މުބާރިކުބާދީ އިސްލާމީ އުންމަތަށް ފޮނުވުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ބަރަކާތްތެރި ރަމަޟާންމަހަށްފަހު އަންނަ މި އުފާވެރި ޢީދުގެ އުފާ ހެޔޮގޮތުގައި ފާޅުގައި ދޭދޭ ފަރުދުންނާއި މުޖްތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެން ދިއުމަކީ އަޅުގަނޑުގެ ދުޢާއެވެ.

މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑަށް ފެނުނީ އަޅުގަނޑުގެ ހަޔާތުގައި އައި އެހެން ރަމަޟާންމަސްތަކާ ތަފާތު މަހެއްގެ ގޮތުގައެވެ. މިކަން ކިޔުންތެރިން ތަޖްރިބާ ކުރައްވާފައިވަނީ ކިހިނެއްކަމެއް ދަންނަވާކަށް ނޭނގެއެވެ. މި ރަމަޟާންމަސް ފެށުމާއެކު އެހެން އަހަރުތަކެއްގެ ރަމަޟާންމަސްތަކެކޭ އެއްފަދައިން މިސްކިތްތައް ފުރި ތޮއްޖެހުނެވެ. މިއަހަރުގެ ތަފާތަކީ އެހެން އަހަރުތަކެކޭ އެއްފަދައިން މަހުގެ ފަހުކޮޅަށްގޮސް " ބޮޑުނިގުލަށް " ނުގޮސް މިސްކިތްތައް ފުރިފައި އޮތުމެވެ. ޖަމާޢަތުގައި ދަމުނަމާދުކުރުމާއި ބައެއް މިސްކިތްތަކުގައި އިއުތިކާފަށް ތިބުން ސަރުކާރުން ހުޅުވާލިއެވެ. ރަމަޟާންމަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމް ދީނީ ސުވާލު ޖަވާބުދެއްވާ ފޯރަމަކަށް ހެއްދެވިއެވެ. މިސްކިތްތަކުގައި ދީނީ ނަސޭހަތް އާންމުކޮށް ދެއްވިއެވެ. ޓީވީއާއި ރޭޑިޔޯ ޗެނަލުތަކުން ދީނީ ޢިލުމުވެރިންގެ ނަސޭހަތް މެދުނުކެޑި ފޮނުވިއެވެ. ދީނީ ގޮތުން ނޭނގޭ އެތައް މަޢުލޫމާތެއް ދީނީ ޢިލުމުވެރިން ސާފުކޮށް ދެއްވިއެވެ. ބޭނުން ސުވާލެއްކޮށް ޖަވާބު ހޯދުމުގެ ފުރުސަތު ބައެއް ރޭޑިޔޯ ޗެނަލްތަކުންނާއި ޓީވީ ޗެނަލުތަކުން އާންމުކޮށް ހުޅުވާލިއެވެ. ޖުމުލަ ގޮތެއްގައި ދަންނަވާނަމަ މި ރަމަޟާންމަހަކީ ދީނީ ގޮތުން ދިވެހިންގެ ތެރޭގައި ވަރުގަދަ އޮއިވަރެއް އުފެއްދި ރޯދަމަހެކެވެ.

ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔައިފިއެވެ. އަޅުގަނޑުމެން އަޅުކަން ކުރަނީ ރަމަޟާންމަހަކަށް ނޫނެވެ. ﷲ ތަޢާލާއަށެވެ. އެހެންކަމުން ރަމަޟާންމަސް ފާއިތުވެ ދިޔަނަމަވެސް ނަމާދުކުރުމާއި ދީނުގެ ކަންތައްތަކަށް ދޫނުކޮށް ކުރިއަށް ގެންދަންޖެހެއެވެ. ސައްވާލުމަހުގެ ހަރޯދަ ހިފުމަކީ ސުންނަތްކަން ގަދަވެގެންވާ އަޅުކަމެކެވެ.  އަދިވެސް އެއްފަހަރު އުފާވެރި ފިޠުރު ޢީދުގެ ތަހުނިޔާ އެންމެހާ ފަރާތްތަކަށް ދަންނަވަމެވެ.