| ބުދަ, 16 ސެޕްޓޭމްބަރ 2009 12:36 |
| ޖާރިޔާއިންގެ ގޮތުގައި ކުޑަކުދިންގެ އިއްފަތް ފޭރުން |
މާލޭގައި ހަތަރު ވަރަކަށް ކުޑަކުދިން ޖާރިޔާއިންގެ ގޮތުގައި ގެންގުޅޭ ޚަބަރު ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކަށްވަނީ ތިލަވެފައެވެ. ސަރުކާރުގެ އެންމެ އިސްވެރިޔާ އެކަން ބަލާ ތަހުގީގު ކުރެއްވުމަށް ކަމާބެހޭ އިދާރާތަކަށްވަނީ އަމުރު ކުރައްވާފައެވެ. ފުލުހުންނާއި އިސްލާމިކް އެފެއާޒް މިނިސްޓްރީން ކުޑަކުދިން ޖާރިޔާއިންގެ ގޮތުގައި ގެންގުޅޭ މީހުން ހޯދުމުގެ މަސައްކަތްދަނީ ކުރައްވަމުންނެވެ. އެކަމަކު އަދި މިހާތަނަށް މިދެކެވޭ ވާހަކައަކީ ޙަޤީޤަތެއްކަން ނުވަތަ ނޫންކަންވަނީ ކަށަވަރުވާގޮތް ނުވެފައެވެ. މި އަޑު ފެތުރުމުގައި ޙަޤީޤަތެއް އޮވެދާނެއެވެ. ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން އުޅެއެވެ. އެބަޔަކު ބޭނުންވާ ގޮތްތަކަކަށް އުޅުމަށް ދީނުގައި މަނާކޮށް ނަހީކުރައްވާފައިވާ ކަންތައްތައް ހުއްދަ ކަންތައްތައްކަމަށް ހަދައިގެން އުޅޭ މީހުން އުޅެއެވެ. ކޯޓުން ބޭރުގައި ވަލީއާނުލައި އަމިއްލަ އަމިއްލައަށް ކައިވެނި ކޮށްފައިވެއެވެ. ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް ، ހުކުރުކޮށް ހެދުމާއި ސަލްޓަންޕާކުގައި ބޮންގޮއްވާލި ހާދިސާއަކީވެސް ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން އުޅޭކަމުގެ ސާފު ހެކިތަކެވެ. ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންނަކީ ނިސްބަތުން މަދު ބައެކެވެ. އެހެންނަމަވެސް އުދަގޫ ކަމަކީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ހަރުކަށި މީހުން ވަކިކޮށް ދެނެގަތުމެވެ. ރާއްޖޭގައި ދީނަށް ލޯބިކުރާ މީހުން އިތުރުވަމުން އައިއިރު ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންވެސް އައީ އުފެދެމުންނެވެ. ބޭރުފުށުން ބަލާއިރު ދީނަށް ލޯބިކުރާ މީހުންނެކޭ ހަރުކަށި މީހުންނެކޭ ތަފާތެއް ނުފެނެއެވެ. މިއަދުގެ ދިވެހި މުޖްތަމަޢަށް މިދެބައި މީހުންގެ ފަރަގު ސާފުކޮށް ކިޔައިދޭން އެބަޖެހެއެވެ. މިދެބައި މީހުންގެ އަޤީދާގައި ހުރި ތަފާތު ބުނެދެން އެބަޖެހެއެވެ. މައްސަލައަކީ ބޮލުގައި ފަގުޑި އެޅުމާއި ތުބުޅި ދިގުކުރުމާއި ފައިކުރި ކުރުކުރެއްނޫނެވެ. ކަޅުހެދުންލުމާއި މޫނު ބުރުގާ އެޅުމެއްވެސް ނޫނެވެ. މިގޮތަށް ހެދުންއަޅާ އިސްލާމްދީނުގެ ޝިއާރުތައް ފާޅުކޮށް ދީން މަތިވެރިކުރުމަށް މަސައްކަތްކޮށް ކީރިތި ރަސޫލާގެ ސުންނަތް ދިރުވާ މީހުން އަޅާކަހަލަ ހެދުން އަޅައިގެން ތިބެ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ. ޖާރިޔާއިންގެ ގޮތުގައި ކުޑަކުދިން ގެންގުޅެނީ ދީނުގައި ކަންތައްތައް އޮތް ރަނގަޅުގޮތް ނޭނގޭ މިފަދަ މީހުންކަމަށްވެއެވެ. ޖާރިޔާއިންގެ ގޮތުގައި ކުޑަކުދިން ގެންގުޅޭ ވާހަކައަށް ތަންކޮޅެއް ދުރުން ބަލާލާއިރު މިއީ ވަކި މަޤްޞަދެއްގައި ފަތުރާ އަޑުތަކަކަށްވެސް ވެދާނެއެވެ. މިހާތަނަށް އެއްވެސް މީހަކު އަތުލައި ގަނެވިފައިނުވުމާއެކު މިއީވެސް ވެދާނެގޮތެކެވެ. މިފަދަ އަޑުތައް ފަތުރާ މީހުންގެ މައިގަނޑު މަޤްޞަދަކީ ދީނަށް ލޯބިކުރާ ދީން މަތިވެރިކުރާ އަދި ދީނުގެ ދިފާޢުގައި ވާހަކަ ދައްކާ ދީން ފަތުރަން މަސައްކަތްކުރާ މީހުން ބަދުނާމު ކުރުމެވެ. މިގޮތަށް އަޑު ފަތުރާ މީހުންނަށް ތުބުޅި ދިގުކޮށްގެން އުޅޭ ހުރިހާ ފިރިހެނުންނާއި މޫނު ބުރުގާ އަޅައިގެން އުޅޭ ހުރިހާ އަންހެނުން ފެންނާނީ އެއް ބައެއްގެ ގޮތުގައެވެ. މުޖްތަމަޢަށް ދައްކަން ބޭނުންވާނީވެސް އެއް ބައެއްގެ ގޮތުގައެވެ. މިއީ އިސްލާމްދީނަށް ދިވެހިރައްޔިތުން ހޭލުންތެރިކޮށް، ދީނީ ޝިއާރު ފުޅާދާއިރާއެއްގައި ފެތުރެމުންދާ ދިއުމާ ހަސަދަވެރިވާ ބަޔަކު ފަތުރާ ހަގީގަތެއްނެތް އަޑުތަކަކަށްވެސް ވެދާނެއެވެ. އެހެންކަމުން މިވާހަކަ ދައްކާ ފާރަތްތަކުން މިއީވެސް ސަމާލުކަންދޭންޖެހޭ ކަމެކެވެ. ޖާރިޔާއިންގެ ގޮތުގައި ކުޑަކުދިން ގެންގުޅެ އިއްފަތްތެރިކަން ފޭރި ހަދަމުންދާނަމަ އެއީ ވަގުތުން ހުއްޓުވަންޖެހޭ ބޮޑު ޖަރީމާއެކެވެ. އެމީހުން އެކުރަނީ ފާޅުގައި ޒިނޭއެވެ. އެމީހުންނަށް ޒިނޭގެ އުޤޫބާތް ދޭންޖެހޭނެއެވެ. ޒިނޭއަކީ ހުތުރުކަން ބޮޑުވެގެންވާ ފާފައެކެވެ. ދީނީ ގޮތުން ހަރުކަށި މީހުންގެ ގޮތްތައް ނުވަތަ ދީނުގައި ކަންތައްތައް އޮތްގޮތް ނޭނގޭ މީހުންގެ ކަންތައްތައް ވީހާވެސް އަވަހަކަށް ހައްލުކުރަންޖެހެއެވެ. މި ވާހަކަ ދައްކާއިރު ކުރިން ވަކިން ޖަމާޢަތް ހަދައިގެން އުޅުނު ހަރުކަށި ބައެއް މީހުންނަށް ، ދީނުގައި ކަންތައްތައް އޮތްގޮތް ސާފުވެގެން މިހާރު މިސްކިތްތަކަށް އަރަމުންދާތަން ފެންނަކަން ފާހަގަ ކުރެވެއެވެ. |
ކިޔުންތެރިންގެ ޚިޔާލް