ބުނީމާ ބުނިކަމެއް ބުނިގޮތަކަށް ކުރާ ހުނަރުވެރިޔާ

ގޯތިބޭ ހެދި ދޯނި

ގޯތިބޭގެ ހުނަރުވެރިކަމުގެ ތެރެއިން - ކޮށާވަޅިޔެއް ބޭނުންކޮށްގެން ކަނދުގަނޑަކުން ހަދާފައިވާ ދޯންޏެއް

ރ.ވާދޫ މުޝްތަރީގޭ އިބްރާހީމް ޢަލީ ނުވަތަ އާއްމުކޮއް ކިޔާ ނަމުންނަމަ ”ގޯތިބޭ” އަކީ ވަރަށް އާދަޔާހިލާފު ޝަޙުސިއްޔަތެކެވެ. އުމުރުން 70 އަހަރުން މަތީގެ ދުވަސްތައް ގުނަމުންދާ ގޯތިބޭ އުފަންރަށުގައި ހުންނަ އަމިއްލަ ގެ ”މުޝްތަރީގެ” އަށް ގޯތިބޭގެ ރަޙުމަތްތެރި އަކާއެކު އަޅުގަނޑަށް ދެވުނެވެ. ހިނިތުންވުމާއެކު ކޮންމެ މީހަކާވެސް ވާހަކަދައްކާ ހިތްހެޔޮ މަޑުމައިތިރި ގޯތިބޭ އޯގާތެރިކަމާއިއެކު އިސްތިޤްބާލްކުރީ ވަރަށްވެސް ހިތްތިރިކަމާއެކުގައެވެ. ގޯތިބޭ އުފަން ރަށުގައި މަޝްހޫރުވެފައިވަނީ ބުނީމައި ބުނިގޮތަކަށް ކަންކުރާމީހެއްގެ ގޮތުގައާއި އާދަޔާ ހިލާފަށް ބުރަމަސައްކަތްކުރާ މުރާލި މީހެއްގެގޮތުގައެވެ.

ހެނދު އަރާ އިރާއެކު ކޮންމެވެސް މަސައްކަތެއްގައި އަބަދުމެ ޝާމިލްވެގެން އުޅޭ ގޯތިބެއާއި އަޅުގަނޑާއި ފުރަތަމަ ބައްދަލުވީއިރުވެސް އިންނެވީ ޓީޝާޓެއްގައި ފަށުވިންޖަހާފައި އިން މަންޒަރެއްގެ ރޮދިމޮހުމުގެ މަސައްކަތުގައެވެ. ހާލު އަޙުވާލު އަހާލުމުން އަޅުގަނޑު އިށީނުމައްޓަކައި ގޯތިބޭ ނިދާއެނދު ދެއްކިއެވެ. ގޯތިބޭ އެގެއަކަށްޓަކައި ފަހުރުވެރިވާ އޭނާގެ އަމިއްލަ މަސައްކަތުން އަޅާފައިވާ ކުޑަކުޑަގެއިން، އެހިނދު އަޅުގަނޑަށް ސިފަވެގެން ދިޔައީ ވަރަށްވެސް އާދަޔާޙިލާފު މަންޒަރެކެވެ.

ބޭރުގެއަކާއި ކުޑަ ކޮޓަރިއެއް ހިމެނޭގޮތައް އުވައިން ރާނާފައިވާ އެކުޑަކުޑަގޭގައި، ނިދާނެ އެނދަކާއި ކުޑަމޭޒަކާއި އަދި އިށީންނާނެ ގޮނޑިއެއް ފިޔަވާ، ގޭގައިވާ ހުރިހާ ހުސްޖާގައެއް ފުރާފައިވަނީ ގޮޑުދޮށުން ހޮވައިގެން ގެނެސްފައިވާ ތަފާތު ބާވަތްތަކުންނެވެ. މިގޮތުން ސޯލާ ބައްތިއާއި ކުދި ބޮއިކަނދާއި އެކިބާވާތްތަކުގެ ފުޅިއާއި ލަކުޑިކޮޅުކޮޅާއި ވާވެލާވެލި ފާހަގަކުރެވެއެވެ. މިތަކެތީގެ ތެރޭގައި ބޭނުންކުރެވިދާނެ ވަރަށް އަގުހުރި ސާމާނުވެސް ހުއްޓެވެ.

އަޅުގަނޑު އަމިއްލައަށް ތާއާރަފް ވެލުމަށްފަހު، ގޯތިބޭގެ އެންމެ ގާތް އެކުވެރިޔާ އަލިފުށީ މޫސަގެ އެހީތެރިކަމާއެކު، މި އާދަޔާޚިލާފު ޝަހުސިއްޔަތުގެ އިންޓަވިއުއާއިގެން ކުރިއަށް ދިޔައީމެވެ. ނަމަވެސް ގޯތިބޭއަކީ އާމުގޮތެއްގައި ވަރަށް މަޑުމަޑުން ދިގުލާ ރާގަކަށް ވާހަކަދައްކަވާ ބޭކަލެއްކަމުން، އިންޓަވިއުނެގުމުގައި މޫސަގެ އެހީތެރިކަން ހޯދަން މަޖުބޫރުވިއެވެ. ގޯތިބޭގެ ތައާރަފެއް ދިނުމަށް އެދުމުން، ނަމަކަށް ކިޔަނީ އިބްރާހީމް ޢަލީ ކަމަށާއި، އަމިއްލަ ގެއަށް ކިޔަނީ މުޝްތަރީގެކަމަށް ބުންޏެވެ. އުމުރުން ދެން ލައްކަ ދުވަސް ވެދާނެކަމަށާއި އުމުރުން ވީދުވަހެއް ބުނާކަށް ނޭންގޭ ކަމަށްވެސް ބުންޏެވެ. އަދި އުމުރުން 65 އަހަރުން މަތިވެފައިވާކަމަށާއި އެކަން އެގެނީ މުސްކުޅިންނަށް ސަރުކާރުން ދެއްވާ އިނާޔަތު ފައިސާ ލިބޭތީކަމަށް ހިނިގަނޑެއްޖަހާލަމުން ގޯތިބޭ ބުންޏެވެ.

ޢާއިލާ

ގޯތިބޭ ބުނީ މިވަގުތު އުޅެނީ ކައިވެނި ކޮށްގެން ނޫންކަމަށާއި ނަމަވެސް އެންމެ ފުރަތަމަކުރި ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައި ވާކަމަށެވެ. މިދެކުދިން ވެސް ބޮޑުވެގެން އުފާވެރި ދިރިއުޅުމެއް އުޅެމުންދާކަމަށާއި އަދި ދަރިންގެ އަޅާލުމާއި އޯގާތެރިކަން ލިބޭކަމަށެވެ. ގޯތިބޭގެ ދޮށީ ދަރިފުޅު، މަންސޫރަކީ ވާދޫ ސިއްޙީ މަރުކަޒު ހިންގަން ހުންނަ އެންމެ އެއިސް ފަރާތެވެ. އަދި ހަގު ދަރިފުޅު ފާތުމަތު ޒާހިރާ އުޅެނީ އަމިއްލަ ދިރިއުޅުމެއް ފައްޓައިގެން އޭނާގެ ފިރިމީހާގެ ގޭގައެވެ.

ގޯތިބޭގެ ޅަދުވަސް

ގޯތިބޭ ބުނީ، އޭނާ ޚިތާނުކުރުމުގެ ކުރިން ބައްޕަ ނިޔާވިކަމަށާއި އަދި ހަމަ ދާދި ގާތްގާތުގައި މަންމަވެސް މިދުނިޔެއާއި ވަކިވެގެން ގޮސްފައިވާކަމަށެވެ. ޢާއިލާގައި ތިބީ ބޭބެއާއި ދައްތަ އަދި ގޯތިބޭ އެކަނިކަމުން، އޭނާ ބެލެހެއްޓުމުގެ ހުރިހާ ކަމަކާއި ޙަވާލުވީ ދޮއްޓަށް ހުރި ދައްތަ(ދައިތަ) ކަމަށެވެ. “ދެން ދައިތަ އަޅުގަނޑު ބެލީ. ދައިތައަކީ އަޅުގަނޑަށް ވަރަށް ހެޔޮމީހެއް. ދައިތަ ނިޔާވުމާއި ހަމައަށް މަގޭ ބެލި. އޭރު މަގޭ ހުރީ އަމިއްލަޔަށް އުޅުވޭވަރުވެފައި.” އަސަރާއެކު ގޯތިބޭގެ ޅަދުވަސްވަރުގެ ވާހަކަ އަޅުގަނޑާއި ގޯތިބޭ ހިއްސާކުރިއިރު މަންމަ އާއި ބައްޕަގެ ވާހަކަ ކިޔައިދިން ދަނޑިވަޅުގައި، ހިސާބަކަށް ގޯތިބޭގެ މޫނުމަތިން ހިތާމައިގެ އަސަރު ފެނުނެވެ.

ގޯތިބޭގެ އާއްމު ދިރިއުޅުން

ގޯތިބެއަކީ މުޙިއްމު ޝަހުސިއްޔަތަކަށްވީ އޭނާގެ އާއްމުދިރިއުޅުމުގައި ގެންގުޅޭ އާދަޔާހިލާފު މިޒާޖުގެ ވާހަކަ ރ. ވާދޫ ޒުވާނުންގެ ތެރެއިންބަޔަކު މަނަދޫ ލައިވްއަށް ކިޔައިދިނުމުންނެވެ. މިގޮތުން ގޯތިބޭ އެންމެ މަޝްހޫރުވެފައިވަނީ ހަމައެކަނި ބުނީމާ ބުނި ގޮތަކަށް ކަންކުރާ މަޖާމީހެއްގެ ގޮތުގައެވެ. އަދި މީހުންނަށް އެކިމަސައްކަތް ހިލޭސާބަހަށާއި އަގަށް ކޮށްދިނުމާއި، އެތައް ޒަމާނެއްވަންދެން ހިލޭސާބަހަށް މައްޔިތުންނަށްޓަކައި ކަށްވަޅު ކޮނެދިނުންފަދަ ކަންކަމަކީ ގޯތިބޭ މަޝްހޫރުކަން އިތުރުވީ ސަބަބުތަކެވެ. ވުމާއެކު މިތަނުގައި ގޯތިބޭގެ އާއްމު ދިރިއުޅުމުގައި ކޮށްފައިވާ ދެތިންކަމެއް ހިއްސާކޮށްލާނަމެވެ.

ގޯތިބެއަކީ ރ. ވާދޫގެ ރައްޔިތުން ޚާއްޞަ ސަމާލުކަމެއްދީފައިވާ އެރަށުގެ ހަރުމީހެއް

*ގޯތިބޭ އެންމެ ކުރާހިތުން ކުރާއެއްކަމަކީ ކެޔޮޅުކަމުދިއުމެވެ. ކޮޔޮޅުކަމުދިއުމަށްޓަކައި އޭނާގެ އަމިއްލަ ވަދު ދޯންޏެއް ގެންގުޅެއެވެ. ގޯތިބޭގެ ރަޙުމަތްތެރި ނިޒާރު އެއްދުވަހަކު މިބުނަނީ ”ގޯތި އިބުރާހިމާވޭ މާދަމާ ވާނެޔޭ ރަސްގެތީމަށް ގޮސްލަން”. ދެން އާނއެކޭ ކިޔާފައި އަނެއްދުވަހު މެންދުރެއްހާއިރު، ގޯތިބެއާ ދިމާވުމުން ނިޒާރު ބުނެފި “ކޮބާ ގޯތިއިބުރާހިމާވޭ ރަސްގެތީމަށް ދާންވީނޫންހޭ.” ޖަވާބުގައި ގޯތިބޭ ބުނިކަމަށްވަނީ ”ހެނދުނު ވަދުއަޅާލަން ނުކުމެފައި މަގޭ މިއައީ ރަސްގެތީމަށް ގޮސްފައޭ. ނިޒާރު ގޮވައިގެން ދާކަށްވެސް، އަދި ވަކިކަމެއް ކުރާކަށްވެސް ނުބުނަމެއްނޫންހޭ. ނިޒާރުބުނީ ރަސްގެތީމަށް ދާވާހަކަ ނޫންހޭ. އެހެންވެ އަހަރެން މިއައީ ރަސްގެތީމަށް ޖައްސާލަފައޭ.”

* ވާދޫގައި އުޅޭ ހާޖަރާ ދައިތަ ނަމަކަށް ކިޔާ މުސްކުޅި މީހަކު އެއްދުވަހަކު ގޯތިބެއާ ދިމާވެގެން މިބުނަނީ. “ކަލޯ ގޯތި އިބުރާހިމާވޭ. އަހަރެމެން ގޯތީ ގަހުން ވެއްޖެޔޭ ކެޔޮކަޑަން. ދެން ގޯތިބޭ ބުނެފި. “އާއެކެކޭ މާދަމާ ކެޔޮކަނޑާނަމޭ.” ދެން އަނެއްދުވަހުގެ މެންދުރެއްހާއިރު ހާޖަރާ ދައިތަ ބޭރުގައި އުޅެފައި އައިއިރު، ގަހުގައި ހުރި ހަރުކޭލާ ޅަކޭލާ، ދެންމެނިރުން ދައްކާލިވަރުގެ ކެޔޮތަކާއި، ބަނބުކެޔޮ ގަހުގައިހުރި ތޮޅިޔަށް ދަންދެން ގަސް ދޮށަށްވަނީ އަޅާފައެވެ. މިކަމާ ގޯތިބެއާ ސުވާލުކުރުމުން ޖަވާބުގައި ބުނީ، “ބަލަގަ ހާޖަރާ ނުބުނަމެއް ނޫންހޭ ހަރުކެޔޮ އެކަނި ކަނޑާކަށް. މަގޭ ގާތުގައި ބުނީ ކެޔޮކަނޑާވަހަކަ ނޫންހޭ. އެހެންވީމަ އެހުރީ ކެޔޮކަނޑާދީފައި” ކަމަށެވެ.

* އެއްދުވަހަކު ވާދޫ ގެއެއްގެ ވަޅުދިޔަ ހިއްކާދީބަލާށޭ އެގޭ އަންހެންމީހާ ގޯތިބޭ ގާތުގައި ބުނުމުން އާއެކޭ ކިޔާފައި ވަޅުގެ ފޫއުނގުރި ޖާހާފައި ވަޅުގައި ހުރިއްޔާހުރި ފެނެއްނަގާފައި ގޮސްފިއެވެ. ދެން މިއަންހެންމީހާ އިރުއޮއްސޭއިރު ގިފިއްޔަށް ވަދެފައި ވަޅުން ފެންނަގަންވެގެން ވަޅުތެރެއަށް ދާނި ދޫކޮށްލީމާ، ދާނި ގޮސްޖެހުނީ ވަޅުގެ ތިލަވަތްގަލުގައެވެ. ބަލާލިއު ކަމަކުދާކަށްނެތެވެ. ވަޅުގައި އެންމެ ފެންފޮދެއްވެސް ނެތެވެ. މިކަމާ ގޯތިބެއާ ސުވާލުކުރުމުން ބުނިކަމަށްވަނީ، “ބަލަގަ، ކަލޭ ނުބުނަމެއްނުން ވަޅަށް ފެން އަރުވާކަށްވެސް އަދި ވަޅުން ފެން ހިއްކާކަށްވެސް. ކަލޭ މަގޭ ގާތުގައި ބުނީ ވަޅު ދިޔަހިއްކާށޭ ނޫންހޭ. އެހެންވީމަ އެހެރީ ވަޅުދިޔަހިއްކާފަ” ކަމަށެވެ.

* ވާދޫ ޒުވާނަކު އޭނާގެ ގޭގައި އޮތް ދެ ރުއްބުޑު ނަގައިދޭށޭ ގޯތިބޭ ކައިރީ ބުނުމުން ހެނދުނާ އައިސް ވަރަށް މަސައްކަތުން މި ދެރުއްބުޑު ނަގައިފިއެވެ. ދެން މިޒުވާނާ އެކަމުގެ އުޖޫރައަށް ދޭންވީ ކިހާވަރެއްތޯ އަހާލުމުން ގޯތިބޭ ބުނިކަމަށްވަނީ ދިހަރުފިޔާ ކަމަށެވެ. އެއްކަލަ ޒުވާނާ ވަރަށް ހައިރާންވެގެން ތިޔަވަރު ބޮޑު މަސައްކަތަކަށް ތިޔަހާ ކުޑަ އަގެއް ތިކިޔަނީ ކީއްވެގެންތޯ އަހާލުމުން ގޯތިބޭ ބުނިކަމަށްވަނީ، ގިނަފަހަރަށް އޮންނަނީ ބުނާއަގެއް ނުދެވިފައިކަމަށެވެ. އެހެންވެ މިބުނީ ވަގުތުން ދެވޭނެއަގެއްކަމަށެވެ. އަދި ގިނަފަހަރަށް އޮންނާނީ އެވަރުވެސް ނުދެވިފައިކަމަށާއި އެވަރުން ފުދޭނެކަމަށެވެ.

* ވަރަށް ވިއްސާރަ ދުވަހެއްގައި މީހެއްގެ ދޯނި ދިޔަހިއްކާދޭށޭ ގޯތިބޭ ގާތުގައި ބުނުމުން ފަތާފައި އެދޯންޏަށް އަރާ ކޮޅިގަނޑުތެރޭގައި ދިޔަ ހިއްކަން ފަށައިފިއެވެ. ގޯތިބޭ ހޭވައްޓާލާފައި ދިޔަހިއްކަނީއެވެ. އެއްގޮތަކަށްވެސް ދިޔަގަނޑެއް އަޑިއެއްނުވިއެވެ. މިހެންގޮސް އިރުގަނޑެއް ވީފަހުން ވިއްސާރަ ހުއްޓާލުމުން މަތިބަލާފައި ގޯތިބޭ ބުނިކަމަށްވަނީ، ”ބަލަގަ ކީއްވެގެންތަ ތިޔަ ހުއްޓާލީ؟ އުހުން ވެހޭ ވެހޭ” މިހެންނެވެ.

ގޯތިބެއަށް ގޯތިބޭ ކިޔުނުގޮތާއި މުނިފޫހި ފުލުވުމަށް ކުރާ ބައެއް މަސައްކަތް

އާއްމުގޮތެއްގައި ތިންދަމަށް ރަށްވަށާޖެހުމާއި، ވެލާ ކޮނުމަށް މަޝްހޫރު ގޯތިބޭ ބުނަނީ، ރަށްވަށާ ޖެހުމަށް އިރާކޮޅު އެއްބުރު، އެއްގަޑިބަޔާއި ދޭކާއި ދެމެދު އަނެއްބުރު އަދި ފަތިހު ބުރެއްޖަހައިގެންނޫނީ ރޭގަނޑެއް ފުރިހަމަ ނުވާކަމަށެވެ. އަދި މިހެން ބުރުޖަހަންދާއިރު ނިދި އަންނަގޮތް ވެއްޖެއްޔާ ހޭޅީގައި ނިދާލަނީކަމަށެވެ. ކޮނެގެން ނަގާވެލާގެ ބިހައް ހަދަނީ ކިހިނެއްތޯ އަހާލުމުން ބުނީ، އާއްމުކޮއް ވެލާބިސް ނަގައިގެން ގޭތެރޭގައި ހަންބުރިއެއްގައި ފީކޮށްގެން ބިސް ވިއްސައިގެން ކުޑަކުދިންނަށް ބަހާ އަދި ބައެއްފަހަރަށް ވިއްކަނީކަމަށެވެ. ބިސްހުރި ގޮތަށް ވިއްކަނީ ވަރަށް ގާތްމީހަކު ބުނެފިއްޔާ ހިތައް އަރާފަހަރެއްގައިކަމަށެވެ.

ގޯތިބޭގެ ހުރިހާ އުފަލަކާއި ގުޅިފައިވާ ކޮންޓްރޯލް ރޫމް

ގޯތިބެއަކީ ނައިފަރު ދޮހޮއްކޮގެ ލަވަތަކަށް ވަރަށް ޝައުގުވެރިވާ ފަރާތެކެވެ. އަދި ދޭތެރެއަކުން ލަވަޖަހާ ހަފްތާ އަންނަކަމަށާއި އެހައްފްތާގައި އޮންނާނީ މުޅިންވެސް ލަވަޖެހުންކަމަށް ގޯތިބޭގެ އެކުވެރި އަލިފުށީ މޫސަ ބުންޏެވެ. ގޯތިބޭ ބުނީ ގޯތިބެއަށް ގޯތިބޭ ކިޔުނު ގޮތަކީ، އޭނާގެ ބޭބެ ވަރަށްގިނަ ވަނަން އޭނާއަށް ކިޔާކަމަށާއި އެކަމާ ދައިތަ ވަރަށް ރުޅިއަންނަކަމަށެވެ. ދެން އެއްދުވަހަކު ބޭބެއާ ދިމާލަށް ދައިތަ ބުނެފިޔޭ އިބުރާހިމަކީ އަހަރެން ބަލާ ދަރިއެކޭ ކަލޭމެން ހިތުހުރި ނަމެއް އެސޮރައް ކިޔައިގެން ނުވާނެޔޭ. ނަމަވެސް އެގޭގައި ތިން އިބުރާހިމެއް އުޅޭތީ ތިން އިބުރާހިމު ވަކިކުރަންވެގެން ގޯތިބެއަށް އޭނާގެ ބޭބެ ކިޔަނީ ގޯތިއިބުރާހީމެވެ. ދެން މިއަޑު އަހާފައި ގޯތިބެއަށްވުރެ ހަގުމީހުން އޭނާއަށް ކިޔަނީ ގޯތިބެއެވެ. ބައެއްމީހުން ގޯތި އިބުރާހިމު ކިޔާކަމަށް ގޯތިބޭ ބުންޏެވެ. ނިމްމާލަމުން ގޯތިބޭ ބުނީ އަބަދުވެސް އުޅޭހިތްވަނީ މަސައްކަތުގައި ކަމަށާއި މަސައްކަތާ ދުރުނުވެވޭނެކަމަށެވެ. ބަލިވެއުޅެން ވަރަށް ނުޖެހޭކަމަށާއި ނަމަވެސް މިހާރު މުސްކުޅި ކަމުން ކަށްވަޅުކޮނުން ހުއްޓާލައިފިކަމަށެވެ. މިހާރު ހުންނަނީ ކަށްވަޅުކޮނުމުގައި ޒުވާނުންނަށް އެހީތެރިވެދޭންކަމަށެވެ. އާއްމުކޮއް މިހާރު ކުރާ މަސައްކަތަކީ މީހަކާ ބައިވެރިވެގެން ދަނޑު ހެއްދުންކަމަށެވެ.

19 thoughts on “”

  1. 236 ދުވަސް ކުރިން ގޯތިބޭ އާދަނު

    ގޯތިބެޔަށް ބާއްޖަވެރި މުސްތަގު ބަލަކަށް އެދެން ކުރިއަސް އޮތް ތަނުގަވެސް

  2. 235 ދުވަސް ކުރިން ވާދޫ އަހައްމަދު

    ވަރަށް އާދަޔާހިލާފު ސަހުސިއްޔަތެއް، މިހާރު މިވައްތަރުގެ ހަރުދަނާ ސަހުސިއްޔަތުތައް ރާއްޖޭގައިވަރަށްމަދުވާނެ. ގޯތިބެއަށް ބާއްޖަވެރިކަމާއި ފުރިހަމަ ސިއްޙަތަކަށް އެދެން

  3. މީ ވާދޫ ރައްޔިތުން ފަހުރުވެރިވުން ހައްގު ބޭކަލެއް އެބުނާހެން ވަކިކަމެއް ވަކިގޮތަކަށް ކުރަން ނުބުނަންޏާ އެބުނި މިންވަރަކަށްތާކުރެވޭނީ

  4. 233 ދުވަސް ކުރިން ހަސަނު/ މަނަދޫ

    އަހާ މަގޭ ފުރޭންޑް ގޯތި އިބުރާހިމުދޯ

  5. 230 ދުވަސް ކުރިން ފަރީޝާ/ ވާދޫ

    އޭ ވަރަށްސަޅި އިންގޭ ވާދޫ މީހެއްގެ ވާހަކަ މިސައިޓްގަ އޮތީމަ ވަރަށް އުފާވެއްޖެ މަނަދޫ ލައިވް ކުރިން ނުވެސް އެނގޭ އެކަމަކު ވަރަށް ސަޅި ސައިޓެއް ވަރަށް އަފްޑޭޓް

  6. ގޯތިބޭގެ ވާހަކައަކީ މީގެ އެތަށް އަހަރެއް ކުރިންވެސް ވާދޫ މީހުންގެ މެދުގައި ވަރަށް މަސްހޫރު ވާހަކަތަކެއް ނަމަވެސް މި ވާހަކަތަށް ވެބް ސައިޓަކުން ފެނުނީމަ ވަރަށް އުފާވެއްޖެ. ގޯތިބެއަށް ބާއްޖަވެރި ދިރިއުޅުމަކަށް އެދެން.

  7. ގޯތިބޭ ހަބޭސް..ހިތްވަރާއެކު މަސައްކަތް ކުރޭ!!

  8. 228 ދުވަސް ކުރިން ސާމަރާ

    ގޯތިބޭ ކަހަލަ ބުނާ ގޮތަށް ކަންތައް ކުރަން އެނގޭމީހުން ރާއްޖޭގައި ގިނައިން އުޅޭނަމަ ހާދަ ފައްކާވާނެއެވެ. އޭރުން ވޯޓުދޭއިރު ރައްޔިތުން ބުނާގޮތަށް ރައީސު މިހަވެސް މިންބަރު މީހާވެސް ކަންތައް ކުރާނެ ކަމުގެ ޔަގީންކަން އޮންނާނެއެވެ.

  9. 224 ދުވަސް ކުރިން ޒިޔާން

    ވަރަށް މަޖާ މީހެއް. އަނެއްކާ ބުއްދި ހަމަޖެހޭ މީހެއްބާ ގޯތި އިބްރާހިމަކީ.

  10. 224 ދުވަސް ކުރިން މުސްތަފާ

    ގޯތިބެ އާދަޔާހިލާފު ހިތްހެޔޮ މަޑުމައިތިރި ސަމާސާމިޒާޖެއްގެ ރަގަނޅު މީހެއް.ގޯތިބެޔައް ހެޔޮ ގޮތް ތައް މިންވަރު ކުރއްވާށި،އާމީން.

  11. 223 ދުވަސް ކުރިން އަބްދު

    ހުނަރުވެރި މީހެއްކަމަށް ލިޔުމުގައި ވިޔަސް މީނާ ކުރާ ސޭކު ކަންތައް ނޫން ކަމެއް ލިޔުމަކުން ނުފެނޭ. މިފަދަ ލިޔުމެއް ލިޔާއިރު މަޖާކުރުމާއިއެކު އޮށްޓަރު ހުރި މަޢުލޫމާތު ގެނެސް ދިނުން މުޙިއްމު…މިބޭގެ ހުނަރު ލިޔުމުން ފެންނަން ނެތީމަ ވަރަށް ދެރަ

  12. 208 ދުވަސް ކުރިން އަހްމަދު

    އަބްދު ބުނިފަދައިން ގޯތިބޭ ނުވަތަ ގޯތިއިބްރާހިމްގެ މަސައްކަތުހުނަރާ ބެހޭ ކޮންމެވެސް ވަރެއްގެ ތަފްސީލީ ވާހަކަކޮޅެއް އައިނަމަ މިއާޓިކަލްއަކީ ހަމަ ސުޕަރ އާޓިކަލްއެކޭ ބުނެވޭނީ!
    ނަމަވެސް ގޯތިބެއަކީ މަޖާ އަދި ބުނިގޮތަކަށް ބުނިކަމެއްކޮށް ނިންމާމީހެއްކަން މިއާޓިކަލްއިން އެގިއްޖެ އަދި މިއާޓިކަލްގެ އިތުރުބަޔަކަށް އުންމީދުކުރަމުން ގޯތިބެއަށް ފާގަތި މުސްތަގުބަލަކަށް އެދި ވަކިވެލަން،

  13. 9 ދުވަސް ކުރިން އަހުމަދު

    ﷲ ތިބާއައް ބާއްޖަވެރި މުސްތަގުބަލެއް ދެއްވާށި އާމީން