- އަސާ –
އަޅުގަނޑުގެ އަތުގައި އޮތީ ދިވެހި ރައްޔިތެއްކަން އަންގައިދޭ “ކާޑް” (card) އާއި ދިވެހި “ޕާސްޕޯޓް” (passport) އެކެވެ. ވީމާ ކޮންމެ ގައުމަކުންވެސް އަޅުގަނޑަކީ ދިވެއްސެއް ކަމާމެދު ޝައްކެއް ނުކުރާނެއެވެ. ނަމަވެސް އަޅުގަނޑުގެ ބައެއް “ކްލާސްމޭޓުން” ދެކެނީ އަޅުގަނޑަކީ ދިވެއްސެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް އެކުދިން ބުނަނީ ވާހަކަ ދައްކާއިރު މާގިނައިން އިނގިރޭސި ބަސް ބޭނުން ކުރާ ކަމަށެވެ. ހަމަ ހަގީގަތުގައިވެސް މިކަމާ ވަރަށް ބޮޑަށް ވިސްނައިފީމެވެ. އެއްސަބަބަކީ އެބުނާހެން އަޅުގަނޑަށާއި އަދި “ސަރ” (sir) މެންނަށްވެސް ރަނގަޅު ދިވެހިބަހުން ވާހަކަ ނުދެއްކޭ ކަމެވެ. ދެވަނަ ކަމަކީ “އެވިދާޅުވާފަދަ” ބޭރުބަހެއް ނެތް ރަނގަޅު ދިވެހިބަހޭ ބުނެވޭފަދަ ގޮތަކަށް ވާހަކަދައްކާ އެކަކާއިވެސް ދިވެހިރާއްޖެއިން އަޅުގަނޑާއި އަދި ބައްދަލުވެފައި ނެތުމެވެ.
އަޅުގަނޑު މުތާލިއާ ކުރި ކޮންމެ ރަދީފަކުން އަދި ކޮންމެ އެންސައިކްލޮޕީޑިއާ އަކުންވެސް ފެންނަ ބައެއް ބަސްތަކުގެ ތައާރަފުގައި ތިޔަބަހަކީ މިވެނި ބަހަކުން އައި ލަފްޒެކޭ ލިޔެފައި ހުއްޓާ ވަރަށް ގިނައިން ދެކެމެވެ. އަދި މިދެންނެވި ފަދަ ލަފުޒުތައް އެކި ބަސްބަހަށް “ހިޖުރަ” ކުރުމާއި ބަހުގެ ތެރޭގައި “ބްލެންޑް” ވެގެން ދިއުމަކީ ވަރަށް ފަންނީ ކަމެއްކަމަށް “ބަހުގެ ލޯބި” މިމައުލޫއަށް އަރަބި ޕްރޮފެސަރެއް އަދި ސައްޔާހެއް ލިޔުއްވާފައިވާ މަޝްހޫރު ފޮތުގައި ވެއެވެ. އެމަނިކުފާނު ވިދާޅުވަނީ ގަސްތަކާއި ނުލައި މީހުންނަށް އެހެން ބަސްބަހުން ބުނެވޭ ލަފުޒުތަކަކީ ގުދުރަތީ ގޮތުން ބަހަށް ލިބޭ އަގުހުރި ހަދިޔާތަކެއް ކަމަށެވެ. އަދި އެފަދަ ބަސްބަހުގެ ލޯތްބަކީ އިޝްގީ ލޯތްބަށްވުރެ މާ ޖަޒުބާތު ހުރި އަސަރުގަދަ ލޯތްބެއް ކަމަށެވެ. މާނަޔަކީ އާޝިގަކު ދެކެ ފޫހިވެގެން ދޫކޮށްލިޔަސް އެފަދަ ބަސްތައް ދޫކޮށްނުލާ ލޯބިން ބޭނުން ކުރާކަމެވެ.
އިސްވެ ދެންނެވިހެން އިނގިރޭސި ބަހުން އެއްޗެއް ނުބުނެ މާދަރީ ބަސް ބޭނުން ކުރަން މަސައްކަތް ކުރާ މީހުންގެ ލިސްޓުގައި އަޅުގަނޑު އުޅޭނީ އެންމެ ފަހަތަކު ނޫންކަން ކަށަވަރެވެ. ނަމަވެސް ހާލަތު ނިޔާކުރާ ގޮތުން ހަމަ އިނގިރޭސިބަހެއް ބުނަން ޖެހެނީއެވެ. މިކަން އެންމެ ފުރަތަމަ ދިމާވާން ފެށީ މަދަރުސާގައި އުޅުނުއިރު ގްރޭޑް ހަތެއް – އަށެއް ހިސާބުންނެވެ. އެއީ ރަސްމީ ލިޔުން ތައް ލިޔަންވީ ގޮތް ދަސްކޮށްދޭ އިރު އަންނަ ބައިތަކުގައެވެ. ވަރަށް ގިނައިން އެކި އޮފީސްތަކަށް ސިޓީ ލިޔުން ފަރިތަ ކުރުވައެވެ. ޚުދު “އޮފީސް” (office) މިބަހަކީވެސް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އިނގިރޭސި ބަހެކެވެ. އޭރު ލިޔަންޖެހުނު ހުރިހާ އޮފީހެއްގެ ނަންވެސް ހުންނަނީ އިނގިރޭސި ބަހުންނެވެ. ރާއްޖެއަށް ވެރިވެގެން ދިވެހީން އަޅުވެތި ކޮށްގެން އެވެރިން އުޅުނީމާ އަޅުގަނޑުވެސް އިނގިރޭސިންނާއި މެދު ހިސާބަކަސް ޖޭވެއެވެ. ނަމަވެސް ފޫހިވިޔަސް ނަފްރަތު ކުރެވުނަސް މިނޫން ގޮތެއް ފެންނާކަށް އަދި ނެތެވެ.
ދެން އޮތް ގޮތަކީ އެންމެ ލަފުޒެއްވެސް އިނގިރޭސި ބަހުން ބޭނުން ނުކުރުމެވެ. އެއިރުން ވަރަށް ގިނަ އެއްޗެއްސާއި ތަންތަނަށް ކިޔަންޖެހޭ ނަންތައް ޖެހޭނީ އަލުން ހަދާށެވެ. ނުވަތަ ހޯދާށެވެ. ހުރިހާ މިނިސްޓްރީއެއް ނުވަތަ ވުޒާރާއެއްގެ ނަން ދިވެހި ކުރަން ޖެހޭނެއެވެ. އެނޫން ގޮތަކަށް ކަންކުރަން އުޅެފިއްޔާ ޖެހެނީ މާ ނުބައި ދަތުރެކެވެ. އިނގިރޭސި ބޭނުން ނުކުރަން އުޅެން ހަދައިގެން އުރުދޫއާއި، ހިންދީއާއި، އަރަތްބާއި، ބަންގާޅިއާއި، ސިންގަޅަވެސް ބޭނުން ކުރަން ޖެހެއެވެ. އެގޮތުން މިލިޔުމުގެ މަތީގައިވާ ފޮޅުވަތް ތަކަށް ބައްލަވައިފިނަމަ އިނގިރޭސި ބަހުން ނުބުނަން ވެގެން “މާދަރީ ބަހުން” ބުނި ކިތަންމެ ލަފުޒަކީ ޢަރަބި ބަހެވެ. ނުވަތަ އުރުދޫ ބަހެވެ. އަދި އެދެބަހުގެ އަސްލު ބަދަލުވާފަދަ ދެމުމެއް ފަހަތަށް ނުވަތަ މެދުތެރެއަށް ގެނެސްފައިވާ މޮޑިފައިޑް ނުވަތަ މޮޑެފާކޮށްފައިވާ ބަސްތަކެވެ. އެންމެ ރަނގަޅެވެ. އެއީ ޒަމާނުއްސުރެ ބޭނުންކޮށް ދިވެހި ވެފައިވާ ލަފުޒު ތަކެއްކަމަށް ބަލަމާ ބަހީއެވެ. މިސާލަކަށް މުތާލިއާ (مطلعة)، ރަދީފު (رديف)، ތަޢާރަފް (تعارف)، ލަފްޒު (لفظ)، މަޝްހޫރު (مشهور)، ޤުދުރަތީ (قدرتي)، ޢިޝްޤީ (عشقي) މިފަދަ ބަސްތަކާއި މެދު ވިސްނަވާށެވެ. މިއިން ބަހެއް ބުނެގެން އެއީ ކޮންއެއްޗެއްކަން ނޭންގޭ ދިވެހިން އިހުގައި މަދުވާނެއެވެ. ނަމަވެސް މިހާރުގެ މޮޑަން ދިވެހިންނަށް މިފަދަ ބައެއް ބަސްތަކުގެ މާނަ ދޭހަކޮށްދޭން ޖެހޭކަން ފާހަގަ ކުރަމެވެ.
ދެން އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި މިހާރު ބޭނުންކުރާ އިނގިރޭސި ބަސްތަކަށް ބައްލަވާށެވެ. އެންމެންގެ އެންމެ ގާތް އެކުވެރިންނަށް ވެފައިވާ މޯބައިލް ފޯނު (mobile phone) އޭ ބުނުމުން ނޭންގޭނެ ދިވެއްސަކު އުޅެފާނެތޯއެވެ. ނުވަތަ އަޅުގަނޑުމެންގެ ހުރިހާ ސިއްރުތަކެއް ރައްކާކޮށްދޭ، އެންމެ އަރިސް ޚާދިމަކަށް ގެންގުޅޭ ކޮމްޕިއުޓަރު (computer) އޭ ބުނުމުން އެއީ ކޮންއެއްޗެއްކަން މުނިކާފަ މެންނަށްވެސް މިހާރު އެނގޭނެއެވެ. ބަސްބަހުން އަންނަ، ގޮތެއްނެތިގެން ވަންނަ، މިފަދަ ބަސްތަކަކީ އަޅުގަނޑުމެންގެ ބަހުގެ މުއްސަނދިކަން ނޫން ދެން ކޮން އެއްޗެއްތޯއެވެ. މިއަށް ކިޔަނީ “ކޮންޓެމްޕަރަރީ” ދިވެހި ބަސް ކަމަށްވެސް ވެދާނެއެވެ. އިހުގައި އަރަބި ބަހާއި އުރުދޫބަސް ގިނަ އަދަދަކަށް ދިވެހިބަހަށް ވަދެ ގުޅިފައި ވަނީ އެއިރުގެ ގިނަ އިލްމުވެރިންނަކީ އެފަދަ ބަސްތަކުގެ އަހުލުވެރިންނެވެ. ނުވަތަ އެބަސްތަކުން ވާހަކަދައްކާ ގައުމުތަކުން ތައުލީމު ހާސިލް ކުރެއްވި ބޭފުޅުންނެވެ. މިއަދު މިގައުމުގައި ގިނައީ އިނގިރޭސި ތައުލީމުގެ މީހުންނެވެ. ވުމާއެކު ބަހުގެ ތެރެއަށް އެފަދަ އިލްމުވެރިންގެ އިންޕުޓް ވަންނާނެއެވެ. އަދި އެއީ ވަރަށް އަސާސީ ކަމެއްވެސް މެއެވެ.
މިހެން މިކަން އޮތްއިރު އަޅުގަނޑަށް ކަށަވަރުވާ އެއްކަމަކީ، އެހެން ގޮތެއް ނުހޯދާ ކުއްލިއަކަށް އިނގިރޭސި ބަސްތައް ދިވެހިބަހުން ނެރެ އެއްލާލަން އުޅެފިއްޔާ، ވަރަށް ހިތި ތަޖުރިބާތަކެއް ބަޔަކު ކުރާނެ ކަމެވެ. އެހެނީ އެއްބަހާއި އަނެއްބަސް ގުޅި ލާމެހި މިފަދަ އިޝްގީ ގޮތަކަށް ބަސްތައް ބެނދެވިފައި ވާއިރު ވަކިވެ، ވީއްލިގެން ދިޔުމަކީ ވަރަށް އަސަރުހުރި ކަމަކަށް ނޫނީ ނުވާނެތީއެވެ. މިނިވަންކަން ހުރިހާ ގޮތަކުންވެސް ބޭނުމެވެ. މޮށިއުޅޭ ބަހުގެ ގޮތުން ވެސް މެއެވެ. މިނިވަނަކީ ހިތުގެ މިނިވަންކަން ލިބިފައިވާ މީހާއެވެ. ތިމާބުނާ ބަސް އެންމެންނަށް އެނގި، އެމީހުން ކިޔާއެއްޗެއް ތިމާއަށް ދޭހަވާހިނދުވެސް، ފޮތްތަކުގެ ގަވާއިދުގައި ބެނދެވިގެން އުޅުމަކީ ހުޅުވާލެވިފައިވާ ދުނިޔޭގެ ބަސްމޮށުމަށް އޮތް ގޮންޖެހުމެއް ނޫންތޯއެވެ. މަދަރިން ވާހަކަދައްކާތީ އިވޭ މަގޭދަރިންނަށް މަބުނީމާ އެނގޭނަމަ މާދަރީބަހެއް ނޫނޭ ފޮތެއްގައި ލިޔުނަކަސް ތިޔަކަމެއް ބަލައެއް ނުގަނެވޭނެއެވެ. މީތި ގެޓް ވެއްޖެދޯ؟


އަޖާބެއް…. ޢަރަބި ބަހުން لفز ކިޔާ ކަމެއް ނޭންގެ. އެކަމަކު لفظ ކިޔާކަން އެނގޭ.
ވަރަށްބޮޑަށް ޝުކުރިއްޔާ. އެއީ އަތު ކުށެއް. އަދި އެއީ އަރަބި / އުރުދޫ ބަހެއްވެސްމެ. މިހާރު އެކުށް ރަނގަޅު ކުރުމަށް ވަނީ ފޮނުވިފައި.
އަދި ގެޓެއްނުވި. ފަހުތަންކޮޅު ގެޓެއްނުވި. އެކަމް ވަރަށް ކިޔާ ހިތުން ކިޔާލެވިއްޖެ.
ސައިފަށް ހީވަނީ “މާދަރީބަސް” މިކިޔަނީ އިނގިރޭސި ބަހުގައި އޮންނަ “މަދަރޓަންގު” ގެ ތަރުޖަމާ އެއްހެން. މާދަރީ އަކީ މަދަރ އާއި ގުޅުން ހުރި ލަފުޒެއް. މީތި ތަންކޮޅެއް ތިލަކޮށްލި ނަމަ ގިނަ ކުދިންނަށް ފަސޭހައިން ގެޓްވާނެ.
ހެހެހެ އާ ގެޓް ވެއްޖެއޭ
ހެ ެހެ ގެޓްވެއްޖެ އެކަމަކު ދެރައީ އޭޓީއެމް އެއްކައިރިޔައްގޮސް ހިޔާރުކުރާ ބަހަކީ އިގިރޭސިބަސްކަމުގައި ގިނަދިވެހިން ހަދާތީ އަދި ދެރައީ އެދިވަޑައިގެންނެވިވަރަށް ހިދުނަތެއް ނުދެވުނޭ ބުނީމަވެސް ހަމަ އެއަދަދު ޖަހާލަ ޖަހާލަ ހުންނާތީ …. ގައިމު ދިވެހި ހިޔާރު ކުރިނަމަ އެހެން ނުވީސް ދޯ…