މިގޮތަށް ގިނައިން ބައްދަލު ވަންޏާ ، ލޯއްބައް މިހިތް ބަދަލުވެދާނޭ

ރަތްކުލައިގެ ޑަބަލް ނެޓް ފޮތީގެ ގަމީހެއް ލައިގެން އިން މުސްކުޅި މީހަކާއި މަނަދޫ ހުޅަނގު ކޮޅު ގެއަކުން ބައްދަލުވިއެވެ. ބާލާބެލުމަށް ޒުވާންކޮށް ފެނުނު ނަމަވެސް އުމުރުން މިހާރު ހަތްދިހައިގެ އަހަރުތަށް ގުނަމުންދާ މި މީހަކީ ނ.ކެނދިކުޅުދޫ ކަނީރުމާގެ އަބްދުލް ޤާދިރު އާދަމް ( ޤާދިރުބެ) އެވެ.
ނ.އަތޮޅުގޭގެ ބަދިގޭގެ ކައްކާ މީހެއްގެ ވަޒީފާގައި ގާތްގަޑަކަށް ހަމަސް ދުވަހު ވަޒީފާ އަދާކުރި ޤާދިރުބެ ބުނީ އެއީ މީގެ ޒަމާންތަކެއް ކުރިކަމަށާއި ، އަތޮޅުގެ ބަދިގޭ ކައްކާއަކަށް އޭނާ އުޅުނީ 35 ރުފިޔާގެ މުސާރައަކަށް ކަމަށެވެ.  އެ މުސާރަ ކުޑަވެ ވަޒީފާ ދޫކޮށް ފަހުން ރަށައް ބަދަލުވީ ކަމަށެވެ.

މިހާރު ދިރުއުޅުމަށް ކީއްތޯ ކުރަނީ އަހާލުމުން ބުނީ ވަކި ހާއްސަ މަސައްކަތެއް ނުކުރާކަމަށާއި ނަމަވެސް ފަން ވިނދެ އޮއްކިޔޮ ހޮވާ ހަދާކަމަށެވެ.

ސަމާސާ ރާގެއްގައި ވާހަކަ ދައްކަމުން ޤާދިރުބެ ބުނީ އޭނާ އަތޮޅުގޭގައި ކައްކަން އުޅުނު  ދުވަސްވަރުގެ ބައިވަރު ރައްޓެހިން މަނަދޫގައި ތިބޭނެކަމަށެވެ. އެއީ ކޮންބައެއްތޯ އަހާލުމުން ބުނީ، ތުއްތުމެން ، ބަނޑޭރިމެން އެއީ ގާތް އެކުވެރިން ކަމަށެވެ. ލަފާކުރެވޭ ގޮތުން އެބުނާ ތުއްތު އަކީ ނ.މަނަދޫ ރިވެލި އަބްދުލް ޣަފޫރު އަލީ އެވެ. ބަނޑޭރިއަކީ ނ. މަނަދޫ ހުސްނުހީނާގެ އިބްރާހިމްބެއެވެ.

ޤާދިރުބެ ބުނާގޮތުން އޭނާގެ އާއިލާ މީހުން ވަނީ ބޮޑުތަދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބެހިފައެވެ. މިހާރު ކެނދިކުޅުދޫގައި އާއިލާގެ ގާތް މީހަކު ނުހުންނަ ކަމަށާއި ، އޭނާއަށް އެހީވަނީ ކުޅުދޫ އަވަށު އޭނާގެ އަވައްޓެރި ބަޔަކު ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކާލަން މި އައީ އެމީހުންނާއި އެކު ކަމަށެވެ.ނަމަވެސް  އޭނާގެ އާއިލާ މީހަކު ށ. އަތޮޅު މާއުނގޫދޫގައި އުޅޭނެ ކަމަށެވެ.

ޤާދިރުބެއަކީ މިއުޒިކާ ނެށުމައް މާ ފޯރި ހުންނަ މީހެއްކަމަށް ކައިރީގައި އިން މަނަދޫގެ ހަރުފުރައިގެ މީހަކު ބުނުމުން ޤާދިރުބެ ގާތަށް އައީ ޒާތެއްގެ ހިންޏެކެވެ. ވަރަށް ގަޔާވެ އިނދެ  ޤާދިރުބެ ބުނީ ، މިހާރު ނެށުން ހުއްޓާލައިފި ކަމަށެވެ. ނަމަވެސް ލަވަ އަޑު އަހާ ކަމަށެވެ.

އެންމެ ކަމުދަނީ ކޮން ލަވަ ކިއުންތެރިއެއްތޯ އަހާލުމުން ބުނީ   ކަމުދާ ދެތިން މީހަކު އުޅޭކަމަށާއި ، ޒޫނާ ، މުޙްތާރު ، ހުޒާމަކީ ޤާދިރުބޭގެ ފޭވަރިޓުން ކަމަށެވެ.  ނަމަވެސް ހަމަ އެންމެ އަސަރުގަދައީ ދޮހޮއްކޮ ކަމަށެވެ.

ލަވަ ވާހަކަ ފެށުންމުން ޤާދިރުބެ އޭނާއަށް އެންމެ ރީތި ލަވައެއްކަމަށް ރާގުގައި ކިއާލިއެވެ.

“މިގޮތަށް ގިނައިން ބައްދަލުވަންޏާ ”
” ލޯތްބައް މިހިއް ބަދަލު ވެދާނޭ ”

ލަފާކުރެވޭގޮތުގައި އެއީ މުޙްތާރުގެ ލަވައެކެވެ.

ނެށުމުގެ ވާހަކަ ކިއަދެމުން ޤާދިރުބެ ބުނީ ، އޭނާއަށް އެންމެ ނަށަން ފަސޭހައީ ތުޅާދޫ ޙާތިމް އެކު ކަމަށާއި ، އެންމެ ފަހުން ނެށުމެއް ނެށީވެސް ޙާތިމް އެއްކޮށް ކަމަށެވެ.

ޤާދިރުބެ އަށް އެންމެ ފާހަގަ ކޮށްލެވޭ ޝޯއެއް ކަމަށް ޤާދިރުބެ ބުނަނީ ، އަސާސީ ތައުލީމާއި ބެހޭ ބައްދަލުވުން ނިންމާލުމަށް ފަހު    އެބައްދަލުވުމުގައި ބައިވެރިވި   ހދ. އަތޮޅުން ފެށިގެން ގޮސް ބ. އަތޮޅުގެ އިއްޒައްތެރީންނަށް ކެނދިކުޅުދޫގައި ދިން ޝޯކަމަށެވެ. ޤާދިރުބެ ބުނިގޮތުގައި  އިއްޒައްތެރީން ބޭނުންވީ ކެނދިކޮޅު ވަފިއްޔާ ލަވަ ކިއުމުގެ  ޝޯއެއް ބާއްވާށެވެ. އެ ޝޯގައި ޤާދިރުބެވެސް އޭނާގެ ނެށުމުގެ ހުނަރު ދައްކާލިކަމަށް ބުންޏެވެ.

ރާއްޖޭން އެންމެ ކަމުދާ ފިލްމީ ތަރިއަކީ ކާކުތޯ އަހާލުމުން ބުނީ ، އެންމެ ކަމުދަނީ ނިއުމާ ކަމަށެވެ. އަދި ހިންދީ ލަވަ ކިއުންތެރިންގެ ތެރެއިން ލަތާ މަންގޭޝްކަރު ވަރެއް ނެއްކަމަށާއި ، އެއީ ވަރަށް ޖާޒުބީ ހިތްގައިމު އަޑެއް ކަމަށެވެ.

ޤާދިރުބެ އަތޮޅުގޭ ކައްކާއަކަށް އުޅުނު އިރު މަނަދޫ ބަޔަކު އެކުގައި މަސައްކަތް ކުރިތޯ އަހާލުމުން ބުނީ ، މަޙްމޫދުބެއާއި ކަތްދަ އޭރު އޭނާ އެކުގައި އުޅުނު ކަމަށެވެ.

މިޙާރު ދިރިއުޅުމުގެ ޙަރަދުތައް ބަލަހައްޓަނީ ފަސްދޮޅަސް ފަސްއަހަރުވުމުން ސަރުކާރުންދޭ އިނާޔަތު ފައިސާއިންކަމަށް ޤާދިރުބެ ބުންޏެވެ.
ސިޔާސީ ގޮތުން މިހާރު ކޮންމެ މީހަކީވެސް ކޮންމެވެސް ފިކުރެއްގެ މީހެކޭ ، ޤާދިރުބޭގެ ބަހަކީ ކޮބައިހޭ އަޙާލުމުން ބުނީ ، ޤާދިރުބެއަށް އެންމެ ކަމުދަނީ އަދިވެސް  ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ކަމަށާއި ، މިހާރުގެ ވެރި މީހާވެސް ގޯސް ނޫން ކަމަށެވެ. އަދި މިހާރުގެ ވެރިމީހާ ޤާދިރުބެ ގޭގެ ބޮޑު އަށީގައި އެއްދުވަހު އިށީންނެވިކަމަށްވެސް ޤާދިރުބެ ބުންޏެވެ.

ޤާދިރުބެއަށް އެންމެ ދަތިކަމަކީ ކޮބައިތޯ އަޙާލުމުން  ބުނީ ގެދޮރުގެ ދަތިކަން ކަމަށެވެ. ނަމަވެސް މާބޮޑު ތަފްސީލަކަސް ނުގޮސް ޖޫސްތަށިން ފޮނދުވަރެއް ބޯލިއެވެ.

ހޮޓަލުގައި އިނދެ ޤާދިރުބެ ޝަކުވާއެއް ކުރިއެވެ. އޭނާއަށް ގެނެސްފައިހުރި ހެދިކާތަށީގައި ހުންނަވައްތަރު ހެދިކާއެއް ކާންވިއަސް ދާންޖެހެނީ ކެނދިކޮޅު އަވަށައް ކަމަށެވެ.
ކަން ގެނެސްފައި ހުރި ހެދިކާތައް ކަމުގޮސްގެން ޤާދިރުބެ އެދުނީ ވިހި ރުފިޔާގެ ހެދިކާ އޭނާއަށް ގަންދިނުމަށެވެ. ބޭނުމަކީ މަނަދޫގައި ހަދާފަހުރި ހެދިކާ ރަށުގެ އެކުވެރީންނަށް ދެއްކުންކަމަށް ޤާދިރުބެ ބުންޏެވެ.

ޤާދިރުބެ ބުނާގޮތުން މަނަދޫގައި އުޅުނު ދުވަސްވަރު ކަރަންޓްގެ އަލިކަން ލިބެނީ ވަކި ގަޑިތަކެއްގައެވެ. އަތިރިއަށް ދަނީ ހުޅަނގުކޮޅު އަތިރިމައްޗައް ކަމަށާއި ، މިހާރު މަނަދޫ ބަދަލުވެފައިވާތިވެ ހައިރާންވާކަމަށެވެ.

ޤާދިރުބެ ދަންނަ މީހުން ބުނާގޮތުން ޤާދިރުބެއަކީ ކުރީގައި ބޮލުގެ އިސްތަށިގަނޑު ދިގުކޮށްފައި ހުންނަ މީހެކެވެ. އަދި ނެށުމާއި މިއުޒިކަށް ފޯރި ހުންނަ ވަރަށް ހިތްހެޔޮ ސަމާސާ މިޒާޖެއްގެ މީހެއް ކަމަށެވެ.

ޤާދިރުބޭގެ އުމުރަކީ 77 އަހަރުކަމަށް ބުނުމުން ، ތިޔަ ކުރެވިފައިވާ ތަޖްރިބާގެ އަލީގައި ޅަކުދީންނަށް ދޭން ބޭނުންވާ އިބްރަތްތެރި ބަސްކޮޅަކީ ކޮބައިތޯ އަހާލީމެވެ. ޤާދިރުބެ ބުނާގޮތުން އޭނާ އަދި މިހާތަނަކަށް އެއްވެސް މީހަކަށް އެއްޗެއް ދޭންވެފައެވެ ނޯންނާނެއެވެ. ހުރިހާ ކުދިންވެސް ލިބޭ މިންވަރުން ފުއްދުމަށާއި ،ވައްކަން ނުކޮށް ނަމާދު ޤާއިމްކޮށް އިސްލާމްދީނުގައި ހިފެއްޓުމައް މަސައްކަތްކުރުމަށް އެދުނެވެ.

ޤާދިރުބެ އެދުމުގެ މަތީން އޭނާގެ ކުރީގެ އެކުވެރިޔާ ” ބަނޑޭރި” އިބްރާހިމް ގެ  ގެއަށް ދިއައިރު އިބްރާހިމްބެ ނޫޅުއްވައެވެ. ނަމަވެސް ފެނުންނީ ވަރަށް ތަފާތު މަންޒަރެކެވެ.

އިބްރާހިމްބެގެ އަނބިކަނބަލުން ، ކަނބުލޮދައިތަ ޤާދިރުބެ ހުސްނުހީނާގެ ދޮރުމައްޗަށް އެރުމާއެކު ސިހުން ލިބި މަގޭ ދަރިއާ ކޮންހާލެއްހޭ ގޮވާލިއެވެ. ވަރަށް އުފާވެރި މަންޒަރެކެވެ. ދެ މިތުރުން ބައްދަލު ނުވެ ޒާމަންތަކެއް ވުމަށް ފަހުން ފެނުމުން އެދެމީހުން ގެ މޫނުން އެފެނުނު ހިނިތުންވުމުން އެމީހުން މެދުގައި އޮތް އަޙްވަންތަކަން ހާމަވެގެން ދިއައެވެ.

ޤާދިރުބެއަކީ މަނަދުއާއި ކޮންމެ ސިފައެއްގައި ނަމަވެސް ގުޅުންހުރި ފަރާތަކަށް ވާތީވެ ޤާދިރުބޭގެ ވާހަކަ އެކުވެރީނަށް މަނަދޫ ލައިވް މެދުވެރިކޮށް ގެނެސްދޭން އެދުމުން ވަރަށް ގަޔާވެ ފޮޓޯ ނެގުމަށް ފުރުސަތު ދީ ، އަދި ވަގުތު ނެއްނަމަވެސް ޤާދިރުބެ މަނަދޫލައިވްއަށް ދެއްވި ވަގުތުކޮޅައްޓަކައި ޤާދިރުބެއަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އަދި ޤާދިރުބެއާއި މަނަދޫލައިވްއާއި ގުޅުވާލަދިން ފަރާތް  އާދެ، އަލްފާޟިލް އަބްދުﷲ ރަޝީދަށް މަނަދޫލައިވް ޓީމުން ވަރަށް ޙާއްސަ ޝުކުރެއް އަދާ ކުރަމެވެ.

One thought on “”

  1. 20 ދުވަސް ކުރިން ަަަަަަަާާާާަ އަހުމަދު

    ވަރައް ލޯބިދޯ،،،،،،އެކަމަކު77އަހަރޯ