އުއްމީދުތައް މައްޗަށް، އިޖުތިމާއީ ހާލަތު ދަށަށް

މަނޭޝް
ދިރިހުރިހާ ހިނދަކު އުއްމީދު ކުރަން ޖެހޭނެއެވެ. ދުނިޔެކުރިއަރާ ތަރައްޤީވެ، އެއްހާލަތުން އަނެއްހާލަތަށް ބަދަލުވަމުން މިދަނީ އުއްމީދާއެކު ގިނަބަޔަކު ކުރާ ބުރަ މަސައްކަތުންނެވެ. އަޅުގަނޑުމެންގެ މިހިތްގައިމު ދިވެހިރާއްޖޭގެ ރައްޔިތުންނަކީވެސް ހަމަ މިފަދައިން ވަރަށް މަތިވެރި އުއްމީދުތަކެއް ކުރަމުންދާ ބައެކެވެ. މިއަދު މިދެކޭ ޒަމާނީ ކުރިއެރުންތަކުން ލިބުނު މިންވަރެއް ލިބިފައިމިވަނީ، މިދުވަސް ދުށުމަށްޓަކައި އުއްމީދާއެކު ކާބަފައިން ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ ސަބަބުންނެވެ. މިކަމުގެ ހަގީގީ އިހްސާސް ކުރުމަށްޓަކައި މިހާރުގެ ނަޒަރުން އެހާރުގެ މަންޒަރު ދެކެލަން ޖެހޭނެއެވެ.

ދިވެހީންގެ އިހުގެ ދިރިއުޅުމުގެ ބައެއް ކަންކަމަށް ބަލާލަމާތޯއެވެ. ދިވެހި އާބާދީގެ ބޮޑުބައެއް ދިރިއުޅުމަށްޓަކައި ގެދޮރު ހަދަނީ ދަނޑި ފަނުންނެވެ. ދިވެހި ރުކާއި ގަސްގަހުގެ އާރުލާބައިން މުޑިޖަހާ، އެއްތެދަށް ހުންނަ ދަނޑިން އޮނިގަނޑެއް ތައްޔާރު ކުރެއެވެ. އޭގެވަށައިގެން ފަންގި، (ތިންފަށް ރޯނަށް ތަރުތީބަކުން ބެދެހިކޮށް އަމުނާ ފަންވަތްތަކެއް) ނުވަތަ ތޮށަލި (ފަނެއްގެ ފަންވަތްތައް އެއްވަތް އަނެއްވަތާ ހުރަސްވާގޮތަށް ވިޔެފައި) ޖަހާފައި ހުރެއެވެ. ގޭގެ ފުރާޅުގައިވެސް ލާނީ ފަނެވެ. ބިންމަތީގައި ތަޅުމުގެ ބަދަލުގައި ކަށިވެއްޔެވެ. މާގިނަ ކޮޓަރިތަކެއް ނުހުރެއެވެ. އަންހެން ވެރިންނަށާއި ކުޑަކުދިންނަށް އެތެރެގެއެވެ. ފިރިހެންވެރިންނާއި މެހެމާނުންނަށް ބޭރުގެއެވެ. އެގޮތަށް ގެއަޅާއިރު ގާތުން ކުރަންޖެހޭ ޚަރަދު ވަރަށް ކުޑައެވެ. އަމިއްލައަތުން މަސައްކަތް ކުރަންދަންނަ މީހަކުނަމަ އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެއޭ ދެންނެވިދާނެއެވެ. މުޑި ކެނޑުމާއި، ދަނޑި ހޯދުމާއި، ފަންހޮވުމާއި، ފަންގިވިނުމާއި، ރޯނުވެށުމަކީވެސް އެޒަމާނުގެ ވަރަށް ގިނަމީހުން ދަންނަ ކަންކަމެވެ. ކިރިޔާވެސް ޚަރަދެއް ކުރަންޖެހޭނީ އަތްގާތްކޮށްދޭން ގެންނަ މީހަކަށެވެ. އޭނާގެ ގޭގައި އެދުވަހު ކާލާނެ ކާއެތިކޮޅެއް ދިނުމުން އެމީހާއަށްވެސް މުސާރަ އެދެވުނީއެވެ. މިއީ މިހާ ސާދާ ގޮތަކަށް އޮތް ކަމެކެވެ. ނަމަވެސް ގަދަވަޔާ ވިއްސާރައިގެ ސަބަބުން އިރުއިރުކޮޅާ ފަންއާކޮށް ފީވަމުންދާ ދަނޑިތައް ބަދަލުކުރަން ޖެހެއެވެ. ވުމާއެކު މިނޫން ހާލަތަކަށް ރުޖޫއަވުމަށް ކާބަފައިން އުއްމީދުކޮށް މަސައްކަތް ފެށިއެވެ. ދަނޑިފަނުން ހަދަމުންދިޔަ ގެތަށް އުވަޔާއި ގަލުން ރާނަންފެށިއެވެ. ފުރާޅުގައި ފަންލުމުގެ ބަދަލުގައި އީޓާއި ޓިނުޖަހަން ފެށިއެވެ.

ކާންބޯން ކުރަމުންދިޔަ މަސައްކަތް ތަކަށްވެސް ދިޔައީ ޒަމާނީ ކުރިއެރުންތައް އަންނަމުންނެވެ. އަމިއްލަ ރަށުގައި ހައްދާ ބިންބި، ޒުވާރި، ކުދިބަތް، ދޮނަޅަ ފަދަ ގޮވާމާއި، ފަލަމަޑިއާއި، ކާއްޓާއި، މޭވާގެ ބާވަތްތަކުން ކެއިންބުއިމުގެ ކަންތައްތައް އޭރު ފުއްދާލެވެއެވެ. ދިވެހިރުކުގެ ރާކައްކައިގެން ހަދާ ހަކުރާއި، ކަނޑުން ބާނާ މަހުގެ ބާވަތްތަކުން ކެއުމުގެ ސުފުރާ އިތުރަށް ފުރިހަމަ ވެގެންދެއެވެ. މަސްވެރިކަމާއި ރާވެރިކަމުގައި ނޫޅޭ ގިނަމީހުން ދެންއުޅޭނީ ދަނޑުވެރިކަމާއި ވަޑާމާއި ގެދޮރުއެޅުމުގައެވެ. އެއްބަޔަކު އަނެއްބަޔަކަށް ވިޔަފާރި ކުރުންވެސް އޮންނަނީ ބާޓާ ސިސްޓަމުންނެވެ. މިސާލަކަށް ޒުވާރި ލާއްސަކަށް މަސްކިބައެއް ބަދަލުކޮށްފާނެއެވެ. އޭރުގެ ދިވެހިން މަސައްކަތް ކުރުމަށް ބޭނުންކުރަމުން ދިޔައީ މުޅީންހެން ދިވެހި އާލާތްތަކެވެ. މަސްވެރިކަމަށް ބަލާއިރު މަސްދޯނި ބަންނަނީ މުޅިން ދިވެހި ތަކެތިންނެވެ. މައިގަނޑަކަށް ބޭނުންކުރަނީ ރުކުގެ ވަކަރު، ކުރެދި އިލި، ކުރެދި ފައިވަށް، ލޯކަބީލާ ފަދަ ތަކެއްޗެވެ. އޮޑިގަނޑުގެ އެކިބައިތަކުގައި ރާއްޖޭގައިހެދޭ ފުނަ، ކާނި، މިދިލި، ހިރުނދު ފަދަ އާރުލާ އެތައް ގަހެއްގެ ލަކުޑިވެސް ބޭނުން ކުރެއެވެ. ވަޑާމުގެ މަސައްކަތްކުރުމުގައި ބޭނުންކުރާ ތަކެތިން ފެށިގެން އޮޑީގެ އަތްލާގެންގުޅޭ ހުރިހާ އެއްޗެއްހެން ހަމަ ތައްޔާރުކުރަނީ ދިވެހިރާއްޖޭގައި ދިވެހިންނެވެ. ވުމާއެކު ބޭރުން އެތެރެކަރަންޖެހެނީ ވަރަށްމަދު އެއްޗެކެވެ. މިގޮތަށް ދިރިއުޅެމުންދިޔަ އިރު ދިވެހިންނަކީ ވަރަށް ބަދަހި މުޖުތަމައެކެވެ. ރަށްރަށުގެ އާބާދީގެ ކުޑަކަމާއެކު އެކަކު އަނެކަކަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެންމެ ނިކަމެތި މީހާއިން ފެށިގެން އެންމެ މޮޅުމީހާވެސް އެކަކު އަނެކަކަށް ކަމުކިޔަން ޖެހޭތީ ވަރަށްގާތް ގުޅުމެއް އުފެދިފައި އޮވެއެވެ. މޮޅު ދެރަވެސް ބޮޑަށް ބިނާވެފައި އޮންނަނީ އެމީހެއްގެ މުރާލިކަމާއި ހުށިޔާރުކަމާއި މަސައްކަތްތެރިކަމުގެ މައްޗަށޭ ދެންނެވިދާނެއެވެ.

ކޮންމެއަކަސް މިއީ އޭރުގެހާލަތުގެ ވާހަކައެވެ. އެޒަމާނަކީ އަމިއްލަ ތަކެތިން އަމިއްލަވަންތަ، ފުދުންތެރި، ސާދާ، ހިތްފަސޭހަ ދިރިއުޅުމެއް އުޅުނު ދުވަސްވަރެކެވެ. ރާއްޖޭގެ އާބާދީ ބޮޑުވެ، ދުނިޔޭގެ އެހެން ގައުމުތަކަށްވެސް އަންނަމުންދިޔަ ކުރިއެރުމާއިއެކު ދިވެހިވަންތަކަން ދިޔައީ މަޑުމަޑުން ބަދަލުވަމުންނެވެ. ތަރައްޤީގެ މަގުގައި ކުރިއަރާ ދިޔުމަށްޓަކައި ކުރެވުނު އުއްމީދުތަކާއެކު ދިވެހީން ދުވަހަކު ނުކުރާ އެތައްކަމެއް މުޅީން އަލަށް ތައާރަފްވެގެން ދިޔައެވެ. އެއިން ކޮންމެ ކަމަކާއެކު މުޖުތަމައަށް ގިނަފައިދާތަކެއް ކުރަމުންދިޔައިރު އެކަންކަމުގެ ނޭދެވޭ އަސަރުވެސް ކުރަންފެށިއެވެ. މިސާލަކަށް ރިޔަލުދޯނީގައި މަހަށްދިޔަ ދުވަސްވަރު ކަނޑުމަތީގައި ވަރަށްގިނަ ވަގުތު ހޭދަކޮށްގެން ބެވޭ މަސްކޮޅު ނިސްބަތުން މަދެވެ. ދޯނިފަހަރުގައި އިންޖީނުއެޅުމުން ސީދާ މަސްއައިނާ ދިމާލަށް ދުއްވާފައި ދެވޭތީ މަދު ވަގުތުކޮޅަކުން ގިނަމަސް ބޭނުމުގެ ފުރުސަތު ލިބެއެވެ. މިކަމުން ކުރާ އިގްތިސޯދީ ފައިދާ އިތުރުވެގެން ދިޔައެވެ. ހަމައެޔާއެކު މިކަމުގެ ނޭދެވޭ އަސަރުތައް ފެންމަތިވާން ފެށިއެވެ. އިންޖީނުން ބޭރުވާ ތެލުގެސަބަބުން ކަނޑުތައް ތަޣައްޔަރުވެއެވެ. ކޮންމެ ރަށެއްގެ ބަނދަރުމަތި ބަލާލިޔަސް އޮއިކުންޏާއެކު ލަނގުވެފައި އޮންނަ ތެޔޮގަނޑެއް މިހާރު ފެންނަނީ އެހެންވީމައެވެ. ބާރަށް ދުއްވާފައިގޮސް އަވަހަށް މަސްއައިނަށް އެރުމަށް ވަރަށްބޮޑު އަގެއް ދައްކަން ޖެހެއެވެ. އިންޖީނަށް އަޅާތެލާއި ސްޕެއަރޕާޓަށް ކުރަންޖެހޭ ޚަރަދު އެތައްގުނައެއް އިތުރުވެގެން ދިޔައެވެ. މަޑުމަޑުން ފަހަރަކު އެއްޗެއް އިތުރުވަމުންގޮސް ޖަނަރޭޓަރު، ފެންޕަންޕު، ފިޝްފައިންޑަރު، ޖީޕީއެސް، ލައިޓިން ސިސްޓަމް ފަދަ ބޮޑެތި ޚަރަދު ކުރަންޖެހޭ އެތައް އާލާތެއް ތައާރަފްވެގެން ދިޔައެވެ. މީގެ ހިސާބުދިމާކުރަން ނޭންގިގެން، “ފުރިތަންނުޖެހި” އޮޑިދޫކޮށްލި މަސްވެރިންވެސް މަދެކޭ ނުދެންނެވޭނެއެވެ.

އެފަދަ މީހުންނަށް މަސްވެރިކަން ނުކޮށްފަރުޖެހޭނެ ގޮތްވެސް ފެންނަން ފެށިއެވެ. ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވެ، ބޮޑަތި ދަބަސް ދަބަހުގައި ޑޮލަރު ބޮނޑި ހިފައިގެން ދޮންމީހުން އަންނަން ފެށުމުންނެވެ. ގޮނޑުދޮށުން ހޮވާ ރިހާކުރު ބޮއްޔެއް، ދޮންމީހުންނަށް ވިއްކާލިޔަސް މަސްދުވަހުގެ ޚަރަދު ޗަލާހާ ގިނަފައިސާ ލިބެއެވެ. އެމީހުންނަށް ކައްކާ ކާންދިނުމާއި، ރާބޯންދިނުމާއި، އެއްޗެހި ދޮވެދީ، ތަންމަތިއަޅައިދީ، ބެރުޖަހާ، ނަށައިދީ، މޫދަށްއެރި ފީނައިދީ، ފަރުމަތިން މަސްބާނައިދީ މިހެންގޮސް އެތައްކަމެއް ކުރަންޖެހެއެވެ. މިއިން ކޮންމެ ކަމަކީވެސް ނުހަނުގިނަ ޑޮލަރުލިބޭ އިގްތިސޯދީ ބޮޑެތި މަސައްކަތްތަކަށް ވެއްޖެއެވެ. ގެންގުޅުނު މަސްދޯނި ދޫކޮށް ދޮންމީހުންނަށް ޚިދުމަތްކުރަން ރިސޯޓަށް ނުދާންވީ އެއްވެސް ސަބަބެއް ނެތެވެ. ހަކުރު އަޑުބާއެއްގެވެސް ދެކޮޅު އޮންނަ ފަދައިން މިކަމުގެވެސް ދެކޮޅު އޮވެއެވެ. ދޮންމީހުން އައިސްތިބޭނެ ޚާއްސަ ރަށްތައް ހަދަންޖެހުމުން ވަރުވާއަށް ދީގެން މަސައްކަތް ކުރަމުންދިޔަ ރަށްރަށުން މީހުންބާލާ، ރިސޯޓު ހަދަން ޖެހުނެވެ. އެމީހުންނަށް ވިއްކުމަށްޓަކައި ބޮއްޔާއި، އިއްސާއި، އެންދެރިޔާއި، ހިރިޔާއި، އިތާޔާއި، ކަހަނބުފަތާއި، މިޔަރުގެ ބައިތައް ބޭނުންކުރަން ފެށުމުން އިސާހިތަކު އެބާވަތްތައް މަދުވެ މުޅިރާއްޖޭން ހުސްވުމަކާއި ގާތަށް ދިޔައެވެ. ރިސޯޓު ވަޒީފާއަށްދާ ބައެއްމީހުންނަށް ދޮންމީހުންގެ އާދަތައް ރީތިވެ، ގޮތްގޮތަށް ބޯހަދާ، ލާންގެންގުޅޭ އަންނައުނު ކުރުވެ ނިވާކަން ކުޑަވަމުން ދިޔައެވެ. އެމީހުން ބޯކަހަލަ އެއްޗެހި ބޮއިހަދަން ފެށުމުން މަސްތީހާލުގައި ދިވެހިވަންތަކަން ނެތެމުންދިޔައެވެ. ދީނީ އަޤީދާ ބަލިކަށިވެ، އާއްމުން ބަލައިނުގަންނަ އެތައްކަމެއް އެފަދަ މީހުން ރަށްރަށަށް ތައާރަފްކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ރަށްފުށުގެ ޒުވާންޖީލު “ތަހުޒީބު” ވަމުންދިޔައީ ދީނީ އަދި ގައުމީ ރޫހާ ދުރުވަމުންނެވެ.

އަތްމަތި ތިޔާގިވަމުން ދިޔަވަރަކަށް ބައެއްމީހުންގެ ހެލިފެލިވުން ކުޑަވިއެވެ. އަމިއްލައަތުން ކުރަންދަންނަ ކިތަންމެކަމެއް ނުކޮށް ދޫކުރަމުން ދިޔައެވެ. ކެއިންބުއިމަށް ގެނައި ބަދަލުތަކާއެކު މިފަދަ މީހުންގައިގާ ލޮކިމަސްޖަހާ، ސިނގުބަނޑުލާ، ކަންނެތްކަން ދުވަހެއްދުވަހަކަށް ބޮޑުވިއެވެ. ރަށްރަށުގައި ރަނގަޅު ފެންވަރަކަށް ކުރަމުންއައި ދަނޑުވެރިކަން ހުއްޓާލުމަށްފަހު ބޭރުންގެންނަ ތަކެއްޗަށް ރޭރުވާން ފަށައިފިއެވެ. ބާނާ މަސްކޮޅު ވިއްކައިގެންނާއި، ބޯޓުދަތުރުކޮށްފައި ފޮނުވާ ފައިސާކޮޅުން ކާޑުގެ ބާވަތްތައް ގަންނަން ފަށައިފިއެވެ. ތެދެކެވެ. ހައްޓަށް ނުހަނު ލުޔެވެ. ކުރީގެ ސިސްޓަމުގައި ދިރިއުޅުމަށްޓަކައި އާއިލާގެ އެންމެންހެން މަސައްކަތްކުރަން ޖެހެއެވެ. ފަހުން މިއައި ބަދަލުގައި އެކަކު މަސައްކަތް ކޮށްގެން ލިބޭ ފައިސާކޮޅުން ފިހާރަތަކުން އެއްޗެހި ގަނެލީމާ އެހެންމީހުން އެކަންކަމާ މާބޮޑަށް ވިސްނާކަށް ނުޖެހެއެވެ. ކުރިއެރުމަކީ އަދި ތަރައްޤީއަކީވެސް މިއީތާއެވެ. މީސްގިނަވެ ބައިބޯވަމުން ދިޔުމަކީވެސް އިހުގެ އާދަކާދައަށް ބޮޑު އިންގިލާބެއް ގެނުވި ކަމެކެވެ. މީހުންގެ އެކުވެރިކަން ނެތެމުންދިޔަވަރަކަށް، އެއްގެއެއްގައި ބޮޑު އާއިލާއެއް އުޅުމުގެ ބަދަލުގައި ކުދި އާއިލާތަކެއް، ކޮންމެ ބަޔަކު ވަކިގެއަކަށް ބަދަލުވަމުން ދިޔައެވެ. ނަތީޖާއަކަށްވީ ގެދޮރުއެޅުމަށްޓަކައި ރަށްރަށުގެ ވަލުތެރޭން ރުއްގަސް ކަނޑާ ބިންސާފުކުރަމުން ދިޔުމެވެ. ކާށިކެއުމާއި، ރާއެރުމާއި، ވަކަރަށް ބޭނުންކުރަންހުރި ރުއްކޮޅު ހަލުވިކަމާއެކު ހުސްވަމުންދިޔުމެވެ. ހިޔާދޭ ހިތްފަސޭހަ ލަކުޑިއާއި ކާބޯތަކެއްޗާއި ބޭސްވެރިކަމުގެ ފަތްޕިލާވެލީގެ ގަސްތައް ނެތެމުން ދިޔުމެވެ. ރަށްރަށުގައި ހުންނަންވީ ތަރައްޤީގެ ނަމުގައި އެއްވެސް ތަދުބީރެއް ނުކޮށް، ރާނާ އޮމާން ފާރުތަކެއް ކަމަށް ހީކުރެވެމުން ދިޔައެވެ. ގައިން ހަންކޮޅެއް މެށުނަސް މީހެއްގެ އަތްދޮށުނުވެ، އަމިއްލައަށް ބޭހަކަށްލާން ބޭނުންކޮށްލާނެ ފަތްޕިލާވެއްޔެއް ނެތެވެ. ކާހިތުން ކާލާނެ ބަނބުކޭލެއް، ކަށިކޭލެއް ހޯދަންދާނެ ތަނެއްނެތެވެ. ބޯހިތުން ބޯލާނެ ކުރުނބާއެއް އަޅާނެ ރުކެއްވެސް ދާދިމަދުވެއްޖެއެވެ. ހަވީރުފިންޏަށް ނުކުމެ މަސްކާށިކާލެވޭނެ ފަސޭހަގޮތެއް ނުމެނެތްމެއެވެ.

މިކަންކަމުގެ ހައްލުހޯދަން މިޖެހެނީ ބޭރުން އެއްޗެހި އެތެރެކުރާށެވެ. އެތެރެކުރާ އެއްޗެހީގެ އަގުއަދާކުރަން ބޭރުފައިސާ ހޯދާނެ މާގިނަ ވަސީލަތްތަކެއް އުފެއްދިފައެއް ނެތެވެ. އޮތްހާވެސް އެއްޗަކީ ކަނޑުފަޅު ފީނައިގެން ލިބޭއެއްޗަކާއި، ފަތުރުވެރިކަމުން ލިބޭއެއްޗެކެވެ. ދޮންމީހުންގެ ބޯރަނގަޅުކަމުން ފަތުރުވެރިކަމުން ލިބޭ އެއްޗެއްގެ ބޮޑުބައި ލިބޭގޮތަށް މިއޮންނަނީ އެމީހުންގެ މީހުންނަށެވެ. ދިވެހިންނަށް މިލިބެނީ ކައްޓަލަ ވެލަކުންނަމަ މަތީ ފަތްކޮޅެވެ. އެގޮތް މިގޮތުން ފޭދިގެންއައިސް ބައެއްމީހުންގެ އަތަށް އަރާފައިސާކޮޅުން ބޮޑެތި އިމާރާތްތައް ހަދާ، ވިޔަފާރިތައް ފުޅާކުރަން ފެށިއެވެ. ބޭސްފަރުވާޔާއި، ތައުލީމާއި، ތަހުޒީބުގެ އެކިވަސީލަތްތައް އެއްރަށަކަށް ޖަމާވެ އެއްފަސްވަމުން ދިޔައެވެ. ތައުލީމާއި ލުއިފަސޭހަތަކުގެ ދަހިވެތިކަމުގައި އަމިއްލަރަށުގެ ހިތްފަސޭހަ މާހައުލު ދޫކޮށްލުމަށްފަހު އެންމެން އެއްރަށަކަށް ޖަމާވަން ފެށިއެވެ. ރަށްރަށަށް ޒިޔާރަތްކޮށް ރައްޓެހިކަމާއި ރަހުމަތްތެރިކަމުގައި ގޭގޭގައި ތިބެލުމުގެ އާދަމުޅިންހެން ނެތިގެން ދިޔައެވެ. ވަސީލަތްތައް ގާއިމުވެފައިހުރި ތަންތަނުގައި ދިރިއުޅުމަށް ބޮޑުއަގެއް ދޭންޖެހިއްޖެއެވެ. އަންނަންއޮތް ޖީލުތަކުގެ މުސްތަގުބަލަށްޓަކައި ކިޔަވައިދިނުމުގެ މުހިންމުކަން އޮތުމާއެކު ކޮންމެ ގޮތެއް ހަދައިގެންވެސް ހިފަހައްޓާލެވޭތޯ ބަލަން ޖެހިއްޖެއެވެ. މިހެން އުޅެން ޖެހުމުން ކުރީގައި ހިލޭ ކުރަމުންދިޔަ ހުރިހާ ކަމަކަށް ފީދޭން ޖެހިއްޖެއެވެ. ބައެއްކަންކަމަށް އެކަށީގެންނުވާހާ ބޮޑެތި އަދަދުތަކުންނެވެ. ނަތީޖާއެއްގެ ގޮތުން ފައިސާ ހޯދާ ޖަމާކުރުމުގެ ވިސްނުން ކުރިއަރަން ފަށައިފިއެވެ. ފަހުޒަމާނަށް އައިސް ގެރިބޮލެއްވެސް ލިބޭނީ ރަންފައުނަކަށޭ އިހުމީހުން ބުނާތީ އަޑުއިވިފާ ހައިރާންވިއެވެ. ނަމަވެސް ކަނޑާފަ އެއްލާލާ މަހުބޮލެއް، ބަނޑައިދުލެއް ނުބަލާ އަގުނަގަން ފެށުމުން މިހާރު އެބަހުގެ ތެދުކަން އެބައެނގެއެވެ.

ކަންތައްތައް މިހާހިސަބަށް ދިޔުމުން، ފައިސާހޯދާ ޖަމާކުރުމުގައި އެންމެން ހޭބޯނާރާ އުޅެން ޖެހުމުގެ ނަތީޖާ މިދަނީ ވަރަށް ހިތިގޮތަކަށް ފެންނަމުންނެވެ. އެކަކު އަނެކަކަށް އޮޅުވާލުމާއި މަކަރާއި ހީލަތުގެ މައްސަލަތަކެވެ. މިނެކިރުމުގައި މަކަރު ހެދުމާއި، ހަލާކުވެފާ ހުންނަތަކެތި އޮޅުވާލައިގެން ވިއްކުމާއި، މުދަލާ އެކަށީގެންނުވާ އަގުތައް ނެގުމެވެ. ލޯބިވާ އަނބިދަރިން ދޫކޮށް ވަޒީފާތަކަށް ދާން މަޖުބޫރުވުމުން ދިމާވާ އާއިލީ މައްސަލަތަކެވެ. ދެމަފިރިން އެކުގައި ގެއިން ބޭރުގައި މަސައްކަތް ކުރަން ޖެހުމުން ޅަދަރިންނާއި އަޅާނުލެވި އެކަށީގެންވާ ތަރުބިއްޔަތެއް ނުދެވެއެވެ. އެއްގެއަށްވުރެ އުސްކޮށް އަނެއްގެ ހަދަންވެގެން ތަންތަނުން ދަރަންޏަށް ހޯދާ ފައިސާ އަދާނުކުރެވިގެން ޖޫރިމަނާވެ، ގެގަނޑު ނީލަންކިޔަން ޖެހިފައިވެސް އެބަހުއްޓެވެ. އެއްވެސް މަސައްކަތެއް ނުކޮށް މީހުންގެ އަތުން އެކިގޮތްގޮތުން ފައިސާހޯދާމީހުން އެހާގިނަވެއްޖެއެވެ. މިފަދަމީހުން ފައިސާތަކަށް ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން މުޅިދުނިޔޭގައި އުދުހެނީއެވެ. އަނެއްބަޔަކު ޖުވާކުޅުމާއި ރާބުއިމާއި ޒިނޭކުރުމާއި މަސްތުވުމުގައި ފައިސާތައް އަންދާ ހުލިކުރަނީއެވެ. ލުއިފަސޭހަ ދިރިއުޅުމުގެ ސަބަބުން މަގުގެއްލިދިޔަ ޒުވާނުން މަގުމަތިވެ ތަފާތު ޖަރީމާތައް ހިންގާ، ދިރިއުޅުން އިންސާނީ މުސީބާތަކަށް ވެއްޖެއެވެ. ފަސާދަޔާއި، މާރާމާރީއާއި، ވައްކަމާއި، ނަހީކުރައްވާފައިވާ ހުރިހާ ޖަރީމާތަކެއް އިންތިހާއަށް ގިނަވެއްޖެއެވެ.

މީހުން އިސްލާހުކޮށް ހަމަމަގަށް އެޅުވުމަށް އިތުރު ގަނޫނުތައް ބޭނުންވެ، ބޮޑުމުސާރަނަގާ ގިނަބަޔަކާއެކު މުވައްސަސާތައް ހަދަން ޖެހިއްޖެއެވެ. ޒަމާނީ ތަރައްގީގެ ސަބަބުން ހޭލުންތެރިކަން އިތުރުވެ، ސަރުކާރު ހިންގާ ވައްޓަފާޅި ބަދަލުވެ، ބޭރުކަރަކަރައިގާ ހުންނަ ކޮންމެ އޮފީހަކަށް އޮފީހެއް ހަދަމުން އެބަދެއެވެ. ސަރުކާރުގެ ހައިބަތު ހިފެހެއްޓުމަށްޓަކައި، ގައުމާއި ނުބައްދަލު މިންވަރަކަށް މަގާމުތައް އިތުރުކޮށް، ބަޖެޓަށް ކެތްނުވާވަރަށް މުސާރަތައް ބޮޑުކުރަމުން ދަނީއެވެ. ފުނިޖެހެމުން ދިގުލަމުންދާ މައްސަލަތައް ބަލާނެ ފަނޑިޔާރުގެތަކާއި އިދާރީ މުވައްޒަފުން އިންތިހާޔަށް އިތުރުވެ ޚަރަދުތައް މައްޗަށް ދަނީއެވެ. ކުށްވެރިންގެ ގޮތުގައި އުގޫބާތްދޭންޖެހޭ މީހުންގެ އަދަދު ގިނަވެ، ޖަލުތައް ބޮޑުކޮށް މަދު އަހަރުތަކެއްގެ ތެރޭގައި އެތައް ގުނަޔަކަށް ޚަރަދުތައް އިތުރުވެގެން ހިނގައްޖެއެވެ. ކުށްކުރުން މަދުކުރުމަށާއި، ކުށްވެރިން އަތުލުމަށް ކުރާމަސައްކަތް މުޅިރާއްޖެއަށް ފެތުރި ޚަރަދު ބޮޑުވެއްޖެއެވެ. ފަރުދީގޮތުން އެކަކު އަނެކަކަށް ހައްގުތައް ލިބިދޭން ނޭންގޭ ދަރަޖައަށް މީހުން ޣާފިލުވުމުން ކޮންމެ ހައްގެއް ހޯދަންޖެހެނީ މިނިވަން މުވައްސަސާތަކުން އޮބިއަޅައިގެންނެވެ. ރަށްރަށުގެ އަބާދީ ބޮޑުވެ މީހުންނާއި ގެދޮރުގިނަވެ، ދާންޖެހޭ ރާސްތާ ފުޅާވަމުން ދިޔަވަރަކަށް ފައިމަގުގައި އުޅުން އުނދަގޫވެ، ސަވާރީތައް އިތުރުވެ މާހައުލު ކިލަނބުވެއްޖެއެވެ. ތަނުގައި ދިރިއުޅޭ މީހުންގެ ތެރެއިން ހަމައިގާތިބި މަދުމީސްކޮޅަށް ކުޑައަޑިނުވާވަރަށް މަސައްކަތްތައް ގިނަވެ، ބިދޭސީން ގެންނަން ފެށިއްޖެއެވެ. ގައިން ދާކޮޅެއް ހިއްލާފަދަ ކޮންމެ މަސައްކަތަކީ ބިދޭސީންގެ މަސައްކަތަށްވެ، ފައިސާފޮއްޗެއް ލިބެންއޮތް ކޮންމެދާއިރާއަކަށް އަތްގަދަކޮށް، މުޅިގައުމުގައި ބިދޭސީން ވަކިހިއްޕާލައިފިއެވެ. ކިޔެވިތަނެއް ނޭންގޭ، ކުރިމަސައްކަތެއް ނޭންގޭ، ފައިސާގެ ސަބަބުން އިއްޒަތްތެރިވާ މީހުން ގިނަވަނީއެވެ. ތެދެކެވެ. ދިރިއުޅޭގެ އުސްވެފައި ފުރިހަމައެވެ. އަރާފައިވާނާއި ލައިގެންހުންނަ ހެދުން ރީތިވެފައި ސެންޓުގެ މީރުވަސް ގައިންދުވައެވެ. ކޮންމެ މީހަކީވެސް އިލްމީގޮތުން ގޮންޖަހާނުލެވޭހާ ތައުލީމީ ފާސްތަކުގެ އަހުލުވެރިންނެވެ. މީރުކާބޯތަކެތީގެ ސުފުރާތައްމަތީ، މިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއިކުރަމުން ދަނީއެވެ. އުއްމީދުތައް އުސްކަމުން މާދަމާއެއް އަންނާނެ ކަމުގެ އިހްސާސެއް ނުވާކަހަލައެވެ. އުއްމީދުތައް މިހާމަތީގައި ހުރިއިރު، ގެއިން ބޭރަށް ބޯދިއްކޮށްލުމުން މަރުހަބާ ކިޔާނީ ޚަންޖަރަކުން ކަމެއް ލަޓިބުރިއަކުން ކަމެއް ބުނަން ނޭންގޭ މިންވަރަށް އިޖުތިމާއީ ހާލަތު މިވަނީ ދަށަށް ގޮސްފައެވެ.