ޗާޕުކުރުމާ ދަނޑުވެރިކަމުގައި ހިތްވަރާއެކު ކުރިއަށްދާ އަލީ މުޙައްމަދު

މީހުން ކޮލަމްގައި މިފަހަރު މިގެނެސްދެނީ ނ.ހޮޅުދޫ ފޭރުމާގޭ އަލްފާޟިލް އަލީ މުޙައްމަދުގެ މައުލޫމާތު ކޮޅެކެވެ. ނ.ހޮޅުދޫ ފޭރުމާގޭ ދޮން މުހައްމަދުބެއާ ހައްވަދައިތަ އަށް ލިބުނު 7 ކުދިންގެ ތެރެއިން އެންމެދޮށީ ދަރިފުޅު އަލީ މުހައްމަދު އަކީ ސާދާ ދިރިއުޅުމަށް ލޯބިކުރާ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. ފުރާވަރުގައި ކިޔަވަން މާލެއައިސް ގަދަހިތްވަރާއެކު ކުރި މަސައްކަތުން އަމިއްލަ ދިރިއުޅުން ކޮޅަށް ޖެހުމަށްފަހު، އާހޯދުންތަކުގެ އަލީގައި ނަތީޖާ ނެރެމުން ކާމިޔާބީގެ ރޭހުގައި ކުރިޔަށްދާ މީހެކެވެ. ދިވެހިންގެ ތެރެއިން މަދުންނޫނީ ނުފެންނަ ވަރުގެ ހިތްވަރާއި ފަންވަރުހުރި އަޒުމު ވަރުގަދަ މަސައްކަތް ތެރިއެކެވެ.

އަލީ މުހައްމަދު އެންމެ ފުރަތަމަ ތަޢުލީމު ހާސިލުކުރީ، އެމަދަރުސާ އަކަށްޓަކައި މުޅި ނ.އަތޮޅު ފަޚުރުވެރިވާ ހޮޅުދޫ މޭނާ ސްކޫލުންނެވެ. ތައުލީމާ ކުޅިވަރުތަކުން ރަންވަނަތައް މޭނާ ސްކޫލުގައި ހާސިލްކުރުމަށްފަހު، މަނަދޫގައި ޖަޕާނުމީހުން ހިންގި މަސް ސެންޓަރު ޕްރޮޖެކްޓާއެކު މަސައްކަތުގެ މައިދާނަށް ނުކުމެވުނެވެ. އިތުރަށް ކިޔެވުމަށް ބޮޑުބޭގެ ގާތަށް މާލެއައެވެ. އެއީ އަލީގެ ބޮޑުބޭ، ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، މ.އާސްތާނާ ޢަބްދުއްޝަކޫރު ޢަލީ އަސަރުގަދަ ވާހަކަތައް ލިޔުއްވި ދުވަސްވަރެވެ. އެވާހަކަތަކުގައި ބުނާއެއްޗެއް އާއްމުންނާ ހަމައަށް ފޮތެއްގެ ސިފައިގާ ގެނެސްދިނުމަށް ޝަކޫރު ކުރެއްވި މަސައްކަތުގައި އަމަލީގޮތުން އަލީ މުހައްމަދު ބައިވެރިވެ ޗާޕުގެ ތެރެއަށް ވަދެވުނެވެ.

ކޮންމެ ކަމެއްވެސް އާހަރުފަތަކަށް ގެންދިއުމުގެ ވިސްނުން ހުންނަ އަލީ މުހައްމަދު ކުރާ މަސައްކަތަކީ ހަމައެކަނި ޗާޕްކުރުމެއް ނޫނެވެ. 1969 ހިސާބުގައި އޭނާ މަސައްކަތް ފެށީ އަތުން އަނބުރާ، އެންމެ އާދައިގެ ސްޓެންސިލް ޗާޕް މެޝިނަކުން ކަމަށް ވިޔަސް، ދުރުވިސްނުމާ މަސައްކަތުގެ ޝައުގުވެރިކަމާއެކު ފަހަރަކު ހަރުފަތެއް ގިރާކުރިއެވެ. ރޭޒަރުތިލައިން ދެރަ ކަރުދާސް ކަފައިގެން ފޮތްހަދަންފެށި އަލީ މުޙައްމަދަށް ފެނުނީ އެކަން ކުރަން އަދި މާމޮޅު ގޮތްތައް ހުންނާނެ ކަމުގައެވެ. ނަތީޖާއަކަށްވީ އަލީގެ ވިސްނުމާ އެއްގޮތަށް ސްޓެންސިލް ޗާޕުގެ ބަދަލުގައި ސެމީ އޮޓަމެޓިކް އޮފްސެޓް ޗާޕް މެޝިނެއް ހޯދުމެވެ. އޭގެ ފަހުން ކުލަފޮޓޯ ޗާޕްކުރެވޭ ފުލް އޮޓަމެޓިކް މެޝިނެއްވެސް ހޯދިއެވެ. ކަރުދާސް ކަފަން ގެންގުޅުނު ރޭޒަރު ތިލަ، މާޒީގެ ތެރެއަށް ދޫކޮށްލުމަށްފަހު 1500 ގަޑު (3 ރީމް) ކަރުދާސް އެއްފަހަރާ ވަޑިފަތިކޮށް ކަފާލުމުގެ ގާބިލްކަން ލިބިފައިވާ ކަފާ މެޝިން ހޯދިއެވެ.

ތިނޯހުން ފަހައިގެން ސާގުން ތަތްކޮށްގެން ހީރަސްޖެހި ފޮތްތަކަށް  ނަރުން ހީރަސް ޖެހޭ މެޝިނާއި ޒަމާނީ ބައިންޑަރު ހޯދިއެވެ. އަތުން ޚިޔާލީ ފޮޓޯ ކުރެހުމުގެ ބަދަލުގައި އަސްލުފޮޓޯގެ ނެގެޓިވްހަދާ، ޕްލޭޓް ހެދޭ ފެންވަރުގެ ކެމެރާއާއި ޑާކްރޫމް ތައާރަފް ކުރުމުގައި އަލީގެ ދައުރު ވަރަށް ބޮޑެވެ. އޭނާގެ ބެލުމުގެ ދަށުގައި ފުޅާވަމުން ކުރިލަމުން ދިޔަ މަސައްކަތުން ކުދި އެތިކޮޅުކޮޅުން ގަތް ކަރުދާހުގެ ބަދަލުގައި 3 ގުދަން ފުރެންދެން ކަރުދާސް ޖަމާ ކޮށް މަސައްކަތް ހިންގާލިއެވެ. ސްކޫލް ކުދިންގެ ފޮތްބައިގެ ކޮޕީތައް ދިހަ ހާހުން ފަނަރަ ހާހުން ޗާޕުކުރަމުންދިޔަ އިރު މުޅި މަސައްކަތުގެ ސިކުނޑިއަކީ އަލީއެވެ. އަލީ ދެކޭގޮތުގައި އެތަނުގައި ހުންނަ ކޮންމެ މެޝިނެއްވެސް ބޭނުންކުރަން އޭނާއަށް އެގެންޖެހޭނެއެވެ. އެއީ ބެކަޕެއްގެ ގޮތުންކަމަށް ދެކި ހުރިހާކަމެއް އަމިއްލައަށް ކުރެވޭވަރަށް ދަސްކުރިއެވެ. ޝައުގުވެރި ކަމާއެކު ކުރި މިންނަތް މަސައްކަތުން، ޗާޕުގެ ދާއިރާގައި ދިވެހިރާއްޖޭގެ އެންމެބޮޑު ކުންފުނި ނޮވެލްޓީއާ ދާދި އެއްސަފަކަށް އުންމީދީ ޗާޕްޚާނާ ގެންގޮސްދިނީ އަލީގެ ކައްޕިތާނު ކަމުގައެވެ.

ތަފާތު އާއީޖާދު ތަކަކީ ވަރަށް ކުރިއްސުރެވެސް އަލީ ވަރަށް ގަޔާވާ ކަމެކެވެ. އެގޮތުން ޓޭންކުތަކުގައި މަސްގެންގުޅުން ރާއްޖެއަށް ތައާރަފްވީ ދުވަސްވަރު އަލީއަކީ އެކަމުގައި މޮޅުމީހެކެވެ. ތަފާތު އުކުޅުތައް ބޭނުންކޮށްގެން ގޯލްޑްފިޝް ފަދަ އޭރުގެ އަގުބޮޑު ބާވަތްތައް ބިސްއަޅުވާ ދަރިމައި ކުރުވާފައި ވެއެވެ. އަދި ތަފާތު ބަގީޗާގަސް ޕޮޓުގަޔާއި ބިމުގައި ހައްދާ އާލާކުރިއެވެ. މީހަކު ކަމެއްކުރަނިކޮށް ފެނިއްޖެނަމަ އެކަން އެއަށްވުރެ ރަނގަޅަށް ކުރެވޭނެ ގޮތެއް އޮންނާނެކަމަށް ބަލަން ބޭނުންވެއެވެ. އެގޮތުން ވަޑާން ގުރޫޕެއް ހަދައިގެން ރިސޯޓުތަކުގެ އާބާތުރަ ފިލުވުމުގެ ދާއިރާގައި ވެސް ހަރަކާތް ތެރިވިއެވެ. ކިތަންމެ ބުރަކޮށް އުޅެމުންވެސް ރަށުގެ އިޖްތިމާއީ ކަންކަމުގައި ބައިވެރިވެއެވެ. އެގޮތުން އަލީއަކީ ހޮޅުދޫގައި ކާމިޔާބު މަސައްކަތް ތަކެއް ހިންގާފައިވާ އެރަށު ޖަމުއިއްޔާގެ ފައުންޑާ މެންބަރެކެވެ. ނިކަމެތިންނަށް އެހީވުމުގެ ގޮތުން ގެއަޅައިދިނުމަށް ހިންގި ޕްރޮގްރާމު ގައިވެސް އަލީގެ ދައުރު ފާހަގަ ކުރެވުނެވެ. ހޮޅުދޫއަށް ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދޭންފެށުމުގެ ކުރިން އެރަށުގެ ރައްޔިތުންނަށް އަލިކޮށްދިނީ އަލީގެ ހިއްސާ އޮންނަ އޯޝަނިއާ އިންނެވެ.

މިހުރިހާ ކާމިޔާބަކާ އެކު ޗާޕުގެ މަސައްކަތް ހިންގަމުންވެސް، މިހާރު އަލީ މުހައްމަދު ގިނަވަގުތު ހޭދަކުރަނީ ނ.އަތޮޅުގެ ފަޅުރަށެއްގައެވެ. މަސައްކަތުން އިސްތިއުފާ ދީފައި އަރާމު ކުރާކަށް ނޫނެވެ. ނަމަވެސް މިވަގުތު އޭނާގެ އެހީތެރިކަން ބޮޑަށް ބޭނުންވަނީ ދަނޑުވެރިކަމާ މަސްވެރިކަމުގެ ދާއިރާއަށް ކަމަށް ގަބޫލު ކުރެވޭތީއެވެ. 1994 ހިސާބުން ފެށިގެން ނ.ފުށިވެލަވަރު ގައި އަލީ ވަރަށް ފުޅާކޮށް ދަނޑު ހައްދަމުން ދަނިކޮށް 26 ޑިސެމްބަރު 2004 ގައި ރާއްޖެއަށް އައި ސުނާމީގައި އެރަށަށްވެސް ބޮޑަތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް އުއްމީދާއެކު ތެދުވެ، ދަނޑުވެރިކަމާއި، ލޮނުމަސް އެޅުމުގެ މަސައްކަތް އަލުން ފެށިއެވެ. އަލީ އެންމެބޮޑަށް މާޔޫސްވީ ސުނާމީގެ ގެއްލުމަށްފަހު ފުށިވެލަވަރަށް 3.4 މިލިއަން ރުފިޔާ އިންވެސްޓް ކޮށްގެން މަސައްކަތް ކުރަމުން ދަނިކޮށް ސަރުކާރުގެ ޕޮލިސީއަށް އައި ބަދަލަކާ ގުޅިގެން އެރަށް އަލީގެ އަތުން ނެގުމަށްފަހު، ރިސޯޓަކަށް ދޫކުރުމުންނެވެ.

މަސައްކަތް ތެރިކަމާ އުފެއްދުން ތެރިކަމަށް ލޯބިކުރާ ޢަލީ މުޙައްމަދަށް ދަނޑުވެރިކަމާ ދުރުގައި މާޔޫސްކަންމަތީ ހުރެވުނީ ކުޑަ ދުވަސް ކޮޅަކުއެވެ. މިހާރު އޭނާ ހުރީ ކަށިން ހިތްވަރު ނެރެގެން ނ. ވަވަތި އަދި ނ. ކުރަމާދޫގައި އަނެއްކާވެސް ދަނޑުވެރިކަމުގެ މަސައްކަތް ހިންގާށެވެ. ތަފާތު ވައްތަރުގެ ކުކުޅާއި ޓާކީ ފަދަ އެއްގަމު މަހުގެ ގޮތުގައި ބޭނުން ކުރެވޭ ސޫފިތައް ގެންގުޅުމުގައި އެސޮރުމެންނަށް ޖެހޭ ބަލިތަކަކީ އަލީއަށް ދިމާވި ގޮންޖެހުމެކެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައި ކަންތައްތައް ކުރާނެގޮތް ރާއްޖޭން ބޭރުގެ މާހިރުންނާ އިންޓަނެޓް މެދުވެރިކޮށް އޮޅުންފިލުވިއެވެ. އާންމުކޮށް ދަނޑުވެރިން ނުހެއްދި ނަމަވެސް ފިޔާއާއި، ލޮނުމެދާއި އަލުވި އަކީވެސް ރާއްޖޭގައި ހަމަ ހެއްދިދާނެ އެއްޗެހިކަން އަލީގެ ހޯދުންތަކުން ވަނީ ކަށަވަރު ކޮށްފައެވެ. ގަހުގެ ގޮތުގައި އަލީ ހައްދަނީ ހަމައެކަނި ކާބޯ ތަކެއްޗެއް ނޫނެވެ. ކާނާގެ ބާވަތްތަކުގެ އިތުރުން ރިސޯޓު ތަކާއި ތަފާތު މުނާސަބާތަކަށް ބޭނުންވާ މާމެލާ މެއްޔާ ބަގީޗާ ގަސްވެސް ހެއްދުމަކީ އަލީ ދެކޭގޮތުގައި މުހިންމު ކަމެކެވެ. އެގޮތުން ފަޅު ރަށެއްގައި ހުއްޓެއްކަމަކު އޯކިޑް މަލާއި، ޓިއުލިޕްއާއި ވައިލްޑް ލިލީ ފަދަ އިޝްގީ މާތައްވެސް އަލީ އަންނަނީ ފޮޅުވަމުންނެވެ.

އަލީގެ އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ އެންމެންނާ ގުޅޭ މިޒާޖާއި ހިތްހެޔޮކަމެވެ. މީހަކު އެދިއްޖެ ކަމެއް ވާންއޮތިއްޔާ އޭނާއަށް ވީ އެންމެ ރަނގަޅަކަށް ކޮށްދޭނެއެވެ. އަލީ ދެކޭގޮތުގައި ތެދުބަހުން ވާހަކަދެއްކުމަކީ ކާމިޔާބު މީހަކަށް ވުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ޗާޕުގެ ދާއިރާއާއި ދަނޑުވެރި ކަމުގެ ދާއިރާއަކީވެސް އެއްވަރުގެ ބުރަ މަސައްކަތް ތަކެއްކަމަށް ވިޔަސް، މީހުންނާ ބައްދަލުވާއިރު އަލީ އަބަދުވެސް ފެންނާނީ ވަރަށް ސާފުތާހިރުކޮށް އަލި ކުލަތަކުގެ ފޭރާމުގައެވެ. ހުރިހާ ކަމަކަށްވުރެވެސް އަލީއަށް އެންމެ މުހިންމީ ހެއްދެވިފަރާތަށް ބިރުވެތިވުމެވެ. ވުމާއެކު އަލީ ހުރި ކޮންމެތަނެއްގައި އިސްލާމް ދީނުގެ ޝިއާރުތައް ފާޅުކޮށް އަދި ރަހުމަތްތެރީންވެސް ހެޔޮމަގަށް އެޅުވުމަށް ނަސޭހަތް ދެއެވެ. ތިރީގައި މިވަނީ އަލީ މުހައްމަދުގެ ވަނަވަރެވެ.

ޢަލީ މުޙައްމަދު – އުއްމީދީ ޗާޕްޚާނާގެ މުވައްޒަފުންގެ ޕަޓީއެއްގައި

ފުރިހަމަ ނަން: އަލީ މުޙައްމަދު
އުފަންދުވަސް: 28 މެއި 1954
ދިރިއުޅުމުގައި މިވަގުތު އެންމެ އިސްކަންދޭ މަސައްކަތަކީ: ޗާޕުކުރުން، ދަނޑުވެރިކަން
ކުރަން ދަންނަ މަސައްކަތް: ޗާޕުގެ މަސައްކަތް، ދަނޑުވެރިކަމުގެ މަސައްކަތް، މަސްވެރިކަން، ހެންޑީކްރާފްޓް
އެންމެ އުފާވި ދުވަސް: ފުރަތަމަ ކާފަދަރިފުޅު ލިބުނު ދުވަސް
އެންމެ ދެރަވި ދުވަސް:  ސުނާމީގެ ގެއްލުމަށްފަހު ފުށިވެލަވަރުގައި 3.4 މިލިއަން ރުފިޔާ އިންވެސްޓްކޮށް ދަނޑު ހައްދަނިކޮށް ރިސޯޓެއް ހަދަން ސަރުކާރަށް އެރަށް ނެގި ދުވަސް.
އެންމެ ލަދުގަތް ދުވަސް: ފާހަގައެއް ނުކުރެވޭ
ތިޔައީ ކޮންކަހަލަ މިޒާޖެއްގެ މީހެއް: ސާދާ މަޑުމައިތިރި އެންމެންނާ ގުޅޭ
ކައިވެނީގެ ގޮތުން ހުރިގޮތް: މީހަކާއި އިނދެގެން.
ކިތައް ދަރިން: އަންހެން އެއް ކުއްޖަކާއި 4 ފިރިހެން ކުދިން
އެންމެ ލޯބި ވަނީ: އަނބިމީހާ ދެކެ
މީހަކު އެންމެ ކަމުދަނީ ކޮން ސިފައެއް ހުރީމަ:  ދީނަށް ލޯބިކުރުމާއި، މަޑުމައިތިރިކަމާއި، ތެދުވެރިކަމާއި އަޚްލާޤު ރަނގަޅުވީމައި
ނިދަން އޮށޯންނަނީ: ދަންވަރު 1:30 އާއި 2:00 ދެމެދު (ބައެއްފަހަރު މެންދުރު ގަޑިއެއްހާއިރު ދުވާލު ނިދާލަން)
ހެނދުނު ހޭލަނީ ކޮންއިރަކު: ފަތިހު 5:30 ހާއިރު
އެންމެ ކުޅޭހިތްވާ ކުޅިވަރު:  ފުޓްބޯޅަ
އެއްވެސް ކަމަކުން ވަނައެއް ލިބުނުތަ: މޭނާ ސްކޫލު ފަރާތުން މާލެއައިސް ދިގުދުވުމުން 1 ވަނަ، ދަޑިފައި ރޭހުން 1 ވަނަ. މަސައްކަތް ތެރިކަމުގެ ރޮނގުން އިލަވަން އިލަވަން ޕްރޮޑަކްޝަންގެ ފަރާތުން ހަނދާނީ ފިލާ.
މުސްތަޤްބަލް އޮތް ގޮތެއް: އުއްމީދު ކުރަނީ ޗާޕާ ދަޑުވެރިކަމުގައި ދެމިހުރުމަށް.
އެންމެ މީރުވަސް ދުވާ ސެންޓް: ގިވަންޗީ
ހަދިޔާއަކަށް އެންމެ ކަމުދަނީ ކޮންއެއްޗެއް: ސެންޓު ފުޅިއެއް (ރަނގަޅީ ގިވަންޗީ)
އެންމެ މީރު ބުއިން: ކުރުނބާ
އެންމެ މީރު ކެއުން: ތެލުލި ރިހާކުރާ ވަޅޮމަހާ ބަތް
އެންމެ ފަސޭހައިން ބުނެލެވެނީ ކީކޭ: ޝުކުރިއްޔާ
ސިޔާސީ ދާއިރާއިން ފެނިދާނެތަ: އިރާދަ ކުރެއްވިއްޔާ ދުވަހަކުވެސް ނުފެންނާނެ
ބައްދަލުކުރަން ބޭނުންވާ ޝަހުސިއްޔަތު: އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް
އެންމެ ރީތި ލަވަ: ދަރްދޭ ދިލް (މުޙައްމަދު ރަފީޢު)
އެންމެ މަޤްބޫލް ފިލްމީ ތަރި: ރާއްޖެއިން ނަމަ ޔޫއްޕެ، ބޮލީވުޑުން ނަމަ އަމީތާބް